ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ހޯދުމަށް 84 ބައިވެރިން ފުރައިފި
ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ދަށުން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ފަންނީ ތަމްރީނުގެ ތިންވަނަ ބެޗުގައި ބައިވެރިވާ 84 ދަރިވަރުން، 16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯސް ފުރިހަމަކުރުމަށްޓަކައި މިއަދު ބ. ކިހާދޫއަށް ފުރައިފިއެވެ.
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފްގެ ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ކުރިއަށްދާ މި ތަމްރީނުގައި ރާއްޖޭގެ 17 އަތޮޅެއްގައި ހިމެނޭ 44 ރަށަކުން ޒުވާނުން ބައިވެރިވެއެވެ. މީގެ ތެރޭގައި 64 ފިރިހެން ދަރިވަރުންނާއި 20 އަންހެން ދަރިވަރުން ހިމެނޭއިރު، މިއީ ފާއިތުވި މަހުގެ 19ވަނަ ދުވަހު ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރުމަށް ފަހު ދަސްވެނިވި ދަރިވަރުންގެ ތެރެއިން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތިގެން ހޮވާލެވުނު ބައިވެރިންނެވެ.
މަސައްކަތުގެ މައިދާނަށް ބޭނުންތެރި ފަންނީ ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ މި ޕްރޮގްރާމުގައި ސެޓްފިކެޓް ލެވެލް 3ގެ ހަ ދާއިރާއަކުން ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކިޔަވައިދޭނެ ދާއިރާތަކުގެ ތެރޭގައި އޮފީސް މެނޭޖްމަންޓް، އިލެކްޓްރީޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ އަދި މެރިން މެކޭނިކްސް ހިމެނެއެވެ.
ތިއަރީ އަދި އަމަލީ ތަޖުރިބާގެ އިތުރުން، ބައިވެރިންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ތަރައްޤީއަށް ވެސް މި ކޭމްޕުގައި ޚާއްޞަ އިސްކަމެއް ދޭނެއެވެ. އެގޮތުން ފަތަން ދަސްކޮށްދިނުމާއި، ޑްރިލް، ފިޒިކަލް ފިޓްނަސް އަދި ތަފާތު ކުޅިވަރުތަކުގެ އިތުރުން، ލީޑަރޝިޕް، ޓީމް ބިލްޑިންގ، އަދި ދިރިއުޅޭ މާޙައުލު ސާފުތާހިރުކޮށް ބެލެހެއްޓުން ފަދަ ދިރިއުޅުމުގެ މުހިންމު ހުނަރުތައް އުނގަންނައިދޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ދަށުން ހިންގާ މި ޤައުމީ ޙަރަކާތުގެ އެންމެ ބޮޑު އަމާޒަކީ، ދީނީ އަދި ޤައުމީ ރޫޙު ހުރި، އަޚުލާޤު ރަނގަޅު، އަމިއްލަ ނަފްސަށް އިތުބާރުކުރާ އުފެއްދުންތެރި ޒުވާން ޖީލެއް މުޖުތަމަޢުއަށް ނެރެދިނުމެވެ.
