މާލޭގައި ބިނާކުރާ ޕާކިންގ އަންނަ އަހަރުގެ ނޮވެމްބަރަށް ނިންމަނީ
މާލޭގައި ބިނާކުރާ ޕާކިންގ އިމާރާތްތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އަމާޒުކޮށްފައިވާކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހީނާމާގޭގައި ތަރައްޤީކުރާ ޕާކިންގ އިމާރާތް ކޮންޓްރެކްޓަރަކާ ޙަވާލުކުރުމުގެ އެންމެ ފަހުގެ ކަންކަން މިހާރު ދަނީ ކުރިއަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ޖެހިގެން ސޯސަންމަގުގައި އޮންނަ ހުސް ބިމުގައި ވެސް ޕާކިންގ ފެސިލިޓީއެއް ގާއިމުކުރުމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. ސަޢީދު ވިދާޅުވީ ވަރަށް އަވަހަށް މި މަޝްރޫޢުތައް ބަޔަކާ ޙަވާލުކުރެވިގެންދާނެ ކަމަށާއި، އަމާޒަކީ ދެ އިމާރާތް ވެސް އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިންމައި ބޭނުންކުރަން ފެށުން ކަމަށެވެ.
މާލޭގެ މަގުތަކުގެ ޖާގައިގެ ދަތިކަން ކުޑަކޮށް، އުޅަނދުތައް ޕާކުކުރުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި މަގުތަކުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާކަން ސަޢީދު ހާމަކުރެއްވިއެވެ. މިގޮތުން، އެންމެ ފުރަތަމަ މަރުޙަލާގައި ހަތަރު މަގެއްގެ ފަރުމާ ބަދަލުކުރުމުގެ ޕްލޭންތައް އެކުލަވާލަމުންދާ ކަމަށާއި، މިކަން ކުރިއަށް ގެންދާނީ ރައްޔިތުންގެ ޚިޔާލާއި ފަންނީ ތަޖުރިބާކާރުންގެ ލަފާގެ މަތިންކަމަށް ވިދާޅުވިއެވެ.
އެއްގަމު ދަތުރުފަތުރާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާ އެކު، 'ގްރޭޓަރ މާލެ މޮބިލިޓީ އޮފީސް'ގެ މަސައްކަތްތައް ހަރުދަނާވެފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެ އޮފީހަށް އިރުޝާދު ދިނުމަށް 'ރޯޑް ސޭފްޓީ ކައުންސިލް'ގެ ނަމުގައި ހާއްސަ ކޮމިޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ. ދަތުރުފަތުރާއި، ދާޚިލީ ސަލާމަތާއި، އިމާރާތްކުރުމާ ބެހޭ ވުޒާރާތަކުގެ އިތުރުން ބަންޑާރަނައިބުގެ އޮފީހާއި ފުލުހުންގެ މައްޗަށް އެކުލެވޭ މި ކައުންސިލްގެ ބައްދަލުވުންތައް މިހާރު ފަށާފައިވާކަމަށް ވެސް މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން ވެރިރަށް މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ބަރު އުޅަނދުތައް ދުއްވުމުގެ ޤަވާއިދުތަކަށް ބަދަލުގެނައުމުގެ މަޝްވަރާތައް ކަމާ ބެހޭ ފަރާތްތަކާ އެކު ކުރިއަށްދާކަން ހާމަކުރައްވައި، އަންނަ ހަފުތާގައި މި އައު އުސޫލުތައް ގެޒެޓުކުރެވިގެންދާނެ ކަމަށް ވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
