ޚަބަރު

އޮޑިޓް އޮފީހަށް ލަފާކުރާ 133.5 މިލިއަން ރުފިޔާގެ ބަޖެޓަށް ރުހުންދީފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އެ އިދާރާއިން އެދިފައިވާ 133.5 މިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު އޭގެ އަސްލާ އެއްގޮތަށް ފާސްކޮށްދީފިއެވެ.

މިއަދު ކުރިއަށްދިޔަ ކޮމިޓީ ބައްދަލުވުމުގައި، އޮޑިޓް އޮފީހުން ފޮނުވާފައިވާ ޖުމްލަ 133،590،265 ރުފިޔާގެ ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުޙައްމަދު މަމްދޫޙެވެ. ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރެއްވި މި ހުށަހެޅުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވަނީ އިއްތިފާގުވެވަޑައިގެންފައެވެ. މި ބަޖެޓުގައި އެ އޮފީހުގެ ރިކަރަންޓާއި ކެޕިޓަލް ހަރަދުތަކަށް 90،900،265 ރުފިޔާ ކަނޑައަޅާފައިވާއިރު، ހުޅުމާލޭގައި އަލަށް ބިނާކުރާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިމާރާތަށް ޕީއެސްއައިޕީގެ ދަށުން 43.5 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މާލިއްޔަތު ކޮމިޓީގައި އިއްޔެ ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވެފައި ވަނީ، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ޖުމްލަ 394 އޮޑިޓެއް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، މާލީ އިދާރާތަކާއި، ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ އޮޑިޓުތަކުގެ އިތުރުން، މިއަހަރު ނުނިމި ހުރި މަސައްކަތްތައް ވެސް ހިމެނޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ހިނގަމުންމިދާ 2024ވަނަ އަހަރަށް އޮޑިޓް އޮފީހަށް މަޖިލީހުން ފާސްކޮށްދީފައި ވަނީ 134.2 މިލިއަން ރުފިޔާއެވެ. ނިޔާޒީ މައުލޫމާތު ދެއްވި ގޮތުގައި އޭގެ ތެރެއިން މިހާތަނަށް ހޭދަކުރެވިފައި ވަނީ 56.9 މިލިއަން ރުފިޔާއެވެ. އަދި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އިތުރު 45 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭއިރު، އަހަރު ނިމޭއިރު ބަޖެޓުން 31 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

Ads by HDC