ނޫސްވެރިޔާ ޢާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ." ނެރެފި
ދިރިއުޅުމުގެ އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލާ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި، ޒުވާން ނޫސްވެރިޔާ އަދި ލިޔުންތެރިޔާ ޢާލިމް ޢަބްދުއްލަތީފް ލިޔުއްވި އޭނާގެ ފުރަތަމަ ފޮތް ކަމަށްވާ "އޭ ހިތާއެވެ. ކެތްތެރިވާށެވެ." ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އާންމުންނަށް ދޫކޮށްލައިފިއެވެ.
މި ފޮތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޢާލިމްގެ މައިންބަފައިންނެވެ. ހަ ބާބެއްގެ މައްޗަށް އެކުލަވާލައި، 448 ޞަފްޙާ ހިމަނައިގެން ނެރުނު މި ފޮތަށް އާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، ފޮތް ނެރުމުގެ ކުރިންވެސް ހަތްސަތޭކައަށްވުރެ ގިނަ މީހުން ވަނީ ފޮތް ގަތުމަށް ޕްރީ-އޯޑަރު ކޮށްފައެވެ. މީގެ އިތުރުން، ޢާލިމްގެ އެހެނިހެން ލިޔުންތައް ފަސޭހައިން ކިޔާލެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އޭނާގެ ޚާއްޞަ ބްލޮގެއްވެސް މި ރަސްމިއްޔާތުގައި ވަނީ ލޯންޗުކޮށްފައެވެ.
ކިޔުންތެރިންނަށް އުންމީދު ގެނެސްދިނުމަށް އަމާޒުކޮށްގެން ލިޔެފައިވާ މި ފޮތުގައި، އެކި ފަރާތްތަކުން ތަޖުރިބާކޮށްފައިވާ ހިތްދަތި ހާދިސާތަކާއި ދަތި އުނދަގޫތަކުގެ ވާހަކަތައް ގެނެސްދީފައިވެއެވެ. ހަމައެއާއެކު، އިސްލާމީ ނަޒަރިއްޔާތަކުން ކަންކަން ވަޒަންކޮށް، ނަބީބޭކަލުންގެ ޙަޔާތްޕުޅުން ޢިބުރަތް ޙާޞިލުކުރެވޭނެ ފަދަ މުހިންމު ނަސޭހަތްތަކާއި ޒުވާނުންނާ ގުޅޭ ޚާއްޞަ މައުޟޫޢުތައް މި ފޮތުގައި ހިމެނެއެވެ.
ރޭގެ ޙަފްލާގައި ވާހަކަދައްކަމުން، ނޫސްވެރިކަމުގެ ރޮނގުން ކުރިއަށްދިޔުމަށް އެހީތެރިވެދިން އެންމެހާ ފަރާތްތަކަށާއި ޢާއިލާ އަދި ރަޙުމަތްތެރިންނަށް ޢާލިމް ވަނީ ޝުކުރު އަދާކޮށްފައެވެ. މި ރަސްމިއްޔާތުގައި ޢާލިމްގެ ބައްޕަ ދެއްކެވި ވާހަކަފުޅުގައި، ދަރިފުޅުގެ މި ކާމިޔާބީ ފާހަގަކުރައްވައި ޒުވާނުންނަށް އަގުހުރި ނަސޭހަތްތަކެއް ދެއްވިއެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ތެރޭގައިވެސް މުޅިން އައު ފޮތެއް ނެރުމުގެ މަސައްކަތް ކުރިއަށްދާކަން ޢާލިމް ވަނީ އިޢުލާންކޮށްފައެވެ.
