ޚަބަރު

ގުރައިދޫގައި ޒުވާބެއް ހޫނުވެ، ތޫނު އެއްޗަކުން ޒުވާނަކު ޒަޚަމްކޮށްލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކ. ގުރައިދޫގެ ގެއެއްގެ ތެރޭގައި އުފެދުނު ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލަ 2026 އޮކްޓޫބަރު 14ވަނަ ދުވަހުގެ ރޭ 20:36 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި 37 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، އޭނާގެ ވާތްފަރާތު މުލައްދަނޑިއަށާއި ކަނާތްފަރާތު އުކުޅުވަޅު ކައިރިއަށް ވަނީ އަނިޔާވެފައެވެ. އަދި އިތުރު ފަރުވާއަށް އޭނާ މިހާރު ވަނީ މާލެ ގެނެސް އައި.ޖީ.އެމް.އެޗްގައި ފަރުވާދޭން ފަށާފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން، މި މާރާމާރީ ހުއްޓުވުމަށް މަސައްކަތްކުރި 34 އަހަރުގެ ދިވެހި ފިރިހެނަކަށް ވެސް އަނިޔާ ވެފައިވާ ކަމަށާއި މި މައްސަލައިގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމިގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo