އެމްޑީޕީން ސަރުކާރަށް: ރަސްމާލެ މަޝްރޫއުގައި އާންމުގެ ފެންނަ ނުފެންނަ ވޯޓަކަށް
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ އެކު ރަސްމާލެ ތަރައްގީކުރުމަށް ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން، އެ މުއާމަލާތުގެ ފުރިހަމަ ތަފްސީލުތައް އާންމުކޮށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް މައި އިދިކޮޅު ޕާޓީ އެމްޑީޕީން މިއަދު ސަރުކާރަށް ގޮވާލައިފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއުގެ ދަށުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދިނުމަށް ވަނީ ނިންމާފައެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދައުލަތުން ބޮޑު ހޭދައެއް ކޮށްގެން ހިއްކާފައިވާ ބިމެއްގެ ބޮޑު ބައެއް ބޭރު ބަޔަކަށް ދިނުމަށް އެއްބަސްވެފައިވާ ގޮތާއި، އެ ކުންފުންޏަށް ދީފައިވާ މާލީ ލުއިތަކާއި ދައުލަތުގެ ޒިންމާތައް ރައްޔިތުންނަށް އެއްވެސް އޮޅުމެއްނެތި ސާފުވާންޖެހޭނެ ކަމަށެވެ.
މި މަޝްރޫއުގެ ތެރެއިން އިސްރާއީލު މީހުންނަށް ރާއްޖެއިން ބިން ގަނެވޭނެކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އެމްޑީޕީން ވަނީ ބިދޭސީންނަށް ރާއްޖޭގެ ބިން މިލްކުކުރެވޭނެ އެއްވެސް މަގެއް މި އެއްބަސްވުމުގެ ތެރެއިން ފަހިވެފައިވޭތޯ ސާފުކޮށްދިނުމަށް ޑިމާންޑުކޮށްފައެވެ. ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔުމަކީ އެ ޕާޓީން ވެސް ތާއީދުކުރާ ކަމެއް ނަމަވެސް، ރާއްޖޭގެ ބިން ބިދޭސީންނަށް ދާއިމީކޮށް މިލްކުކުރެވޭ ފަދަ ސިޔާސަތެއް އެކުލަވާލުމުގެ ބާރު ސަރުކާރަށް ނޯންނާނެކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، އީގަލް ހިލްސްއިން ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުގެ ވާހަކަތަކާ ދިމާނުވާކަން ފާހަގަކޮށް، މައުލޫމާތު ސިއްރުކުރުމަކީ ނުރައްކާތެރި ސިގުނަލެއްކަމަށް އިދިކޮޅުން ސިފަކުރެއެވެ. ޤާނޫނުއަސާސީގެ 4ވަނަ މާއްދާގެ ދަށުން ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށް ވުމާ އެކު، މިފަދަ ބޮޑެތި ނިންމުންތައް ނިންމަންވާނީ އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދައިގެންކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމަކީ ޤާނޫނުއަސާސީއާ ޚިލާފު ލިޔުމެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން ވަނީ ދާދި ފަހުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ވައްދަވާފައެވެ. ނަމަވެސް، އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ މިދިޔަ އަންގާރަ ދުވަހު ނިންމަވާފައެވެ.
