އައްޑޫގައި ތަރައްގީކުރި ދަނޑުވެރިންގެ މާރުކޭޓް ފިޝަރީޒް މިނިސްޓަރު ހުޅުވައިދެއްވައިފި
ދިވެހި އުފެއްދުންތަކަށް ހާއްސަކޮށް އައްޑޫ ސިޓީގައި ދަނޑުވެރިންގެ މާރުކޭޓު ނަމުގައި ތަރައްގީކުރި މާރުކޭޓް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހުޅުވައިދެއްވައިފިއެވެ.
"ވީކެންޑް މާރކެޓް“ގެ ނަމުގައި ހުޅުވި މި މާރުކޭޓަކީ ކޮންމެ ހަފުތާ ބަންދަކާ ދިމާކޮށް މި ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ. މި މާރުކޭޓަކީ ދަނޑުވެރިންގެ އުފެއްދުންތަކާއި، އައްޑޫގެ އަމިއްލަ އުފެއްދުންތައް އިޝްތިހާރުކޮށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހުޅުވި މާރުކޭޓެކެވެ.
ރަށުގެ ދަނޑުވެރިންގެ ކުރިއެރުމަށާއި ބޭނުންތައް ފުއްދައިދިނުމަށް ކައުންސިލުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި މި މާރުކޭޓުގެ ސަބަބުން ތަރުކާރީއާއި މޭވާގެ އިތުރުން، ގޭގޭގައި ހައްދާ ގަސްގަހާގެއްސާއި އަމިއްލަ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކަކާއި އެކު އަންނަނީ ފާހަގަކުރަމުންނެވެ. މި މަހުގެ 11އިން 18އަށް ރާއްޖޭގެ ބައެއް ރަށްރަށުގައި އެކި ހަރަކާތްތައް އަންނަނީ ރާވާ ހިންގަމުންނެވެ. އޭގެ ތެރޭގައި ހދ ހަނިމާދޫ ރ.އަނގޮޅި ތީމު ރ.ކިނޮޅަސް ލ.މަބައިދޫ ރ.ދުވާފަރު ހދ.ނޮޅިވަރަމް ނ.ލަންދޫ އަދި ހއ ބާރަށް ހިމެނެއެވެ.
