ޚަބަރު

އިންޑިއާއިން ރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕްގެ މުއްދަތު އިތުރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާ ދެމެދު ގާއިމުކޮށްފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް (ރޯލްއޯވަރ ކުރަން) އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސާކް ގައުމުތަކަށް ހާއްސަ ކަރަންސީ ސްވަޕް އިންތިޒާމުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން 30 ބިލިއަން ރުޕީސްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ 23 އެޕްރީލް 2026 ގައެވެ.

ދެހާސް ސައުވީސް ވަނަ އަހަރުން ފެށިގެން 2027 ގެ ނިޔަލަށް އެކުލަވާލާފައިވާ މި އޮނިގަނޑުގެ ދަށުން ވެފައިވާ ރުޕީސް ކަރަންސީ ސްވަޕްގެ ސަބަބުން، އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުން ރާއްޖެއަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިންޑިއާ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، 2012 ވަނަ އަހަރު މި އޮނިގަނޑު ތައާރަފުކުރި ފަހުން އިންޑިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ސްވަޕް އެހީ ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، އިންޑިއާއިން ވަނީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ދިގު މުއްދަތުގެ ދެ ޓްރެޒަރީ ބޮންޑް ވެސް މީގެ ކުރިން ގަނެފައެވެ.

ހަމައެއާއެކު، އިންޑިއާއިން ގަނެފައިވާ 150 މިލިއަން ޑޮލަރުގެ ތިން ޓީ-ބިލެއް ރާއްޖެއިން ދައްކައި ހަލާސްކޮށްފައިވާއިރު، އެއަށް އެރި އިންޓްރެސްޓްގެ ގޮތުގައި ހިނގި 42.8 މިލިއަން ޑޮލަރު ދައްކާފައިވަނީ އިންޑިއާ ސަރުކާރުންނެވެ. ހައިކޮމިޝަނުން ބުނި ގޮތުގައި މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް ލިބުނު ވަރަށް މުހިންމު ބާރެކެވެ.

އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި "ވިޝަން މަހާސާގަރު" ގެ ދަށުން ރާއްޖެއަކީ ހާއްސަ އިސްކަމެއް ދެވޭ ގައުމެއްކަން ފާހަގަކޮށް، ރާއްޖޭގެ މާލީ ހަމަޖެހުން ދެމެހެއްޓުމުގައި އެހީތެރިކަން ދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފައެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުގައި އެއްބަސްވެވުނު އިގްތިސާދީ އަދި ކަނޑުގެ ސަލާމަތާ ބެހޭ ކަންކަން ތަންފީޒުކުރުމުގައި އިންޑިއާއަކީ އިތުބާރު ހިފޭ ބައިވެރިއެއްގެ ގޮތުގައި އޮންނާނެ ކަމަށް ވެސް ހައިކޮމިޝަނުން ބުނެފައިވެއެވެ.

Ads by Ooredoo