ޚަބަރު

ސަރުކާރުން މިހާތަނަށް މުޅި ރާއްޖޭގައި 110 ކަނދުފަތި ޤާއިމްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފިޔޯރީ ބޭރުގައި އަޅާފައިވާ ކަނދުފަތި / ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ,

މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ތަރައްޤީކޮށް މަސްވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމުގެ މަޤުޞަދުގައި، ސަރުކާރުގެ ފަރާތުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 110 ކަނދުފަތި ޤާއުމުކޮށްފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، އަލަށް ޤާއިމްކުރެވުނު ކަނދުފަތިތަކުގެ ތެރޭގައި ކަޅުބިލަމަސް ބޭނުމަށް ޚާއްސަކޮށްފައިވާ 56 ދޮށީ ކަނދުފައްޗާއި، މުނިފޫހިފިލުވުމުގެ މަސްވެރިކަމަށާއި ފަރުމަސްވެރިކަމަށް އަމާޒުކޮށްގެން އެޅި 54 ވަދު ކަނދުފަތި ހިމެނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެއްވެސް ސަރުކާރަކުން މިހާ ގިނަ ޢަދަދަކަށް ކަނދުފަތި އަޅާފައިނުވާހާ މަތީ މިންވަރެއްކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ. މިގޮތުން، ނިމިދިޔަ އަހަރުގެ ތެރޭގައި އެކަނި ވެސް ވަނީ 44 ވަދު ކަނދުފަތި ރާއްޖޭގެ ކަނޑުތަކަށް ދޫކޮށްފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް އިތުރު 10 ކަނދުފައްޗެއް ވަނީ ކަނޑަށް ދޫކޮށްފައެވެ. އޭގެ ތެރޭގައި 9 ދޮށީ ކަނދުފައްޗާއި 1 ވަދު ކަނދުފަތި ހިމެނޭއިރު، އެ ކަނދުފަތިތައް އަޅާފައިވާ ތަންތަނާއި ތާރީޚުތައް ތިރީގައި އެވަނީއެވެ:

• 08 ސެޕްޓެމްބަރ 2026: ގއ. ދާންދޫގެ އިރުން 16 މޭލު ބޭރުގައި
• 09 ސެޕްޓެމްބަރ 2026: ގދ. ގައްދޫގެ ދެކުނުން 14 މޭލު ބޭރުގައި
• 10 ސެޕްޓެމްބަރ 2026: ޏ. ފުވައްމުލަކުގެ އިރުން 10 މޭލު ބޭރުގައި
• 12 ސެޕްޓެމްބަރ 2026: ސ. ވިލިނގިލީގެ އިރުން 15 މޭލު ބޭރުގައި
• 13 ސެޕްޓެމްބަރ 2026: ސ. ހިތަދޫގެ ހުޅަނގު އުތުރުން 13 މޭލު ބޭރުގައި
• 26 ސެޕްޓެމްބަރ 2026: މ. މުލަކުގެ އިރު ދެކުނުން 13 މޭލު ބޭރުގައި
• 27 ސެޕްޓެމްބަރ 2026: މ. ދިއްތުނޑީގެ އިރު ދެކުނުން 16 މޭލު ބޭރުގައި
• 28 ސެޕްޓެމްބަރ 2026: ތ. ގުރައިދޫގެ އިރު ދެކުނުން 9 މޭލު ބޭރުގައި
• 29 ސެޕްޓެމްބަރ 2026: ލ. މާބައިދޫގެ އިރުން 11 މޭލު ބޭރުގައި
• 30 ސެޕްޓެމްބަރ 2026: ގއ. މާމުޓާގެ އިރުން 12 މޭލު ބޭރުގައި

މަސްވެރިންގެ އާމްދަނީއާއި ދިރިއުޅުމުގެ ކަންކަން ކަނދުފަތިތަކާ ނުހަނު ބޮޑަށް ގުޅިފައިވުމާ އެކު، ކަނދުފަތިތައް ކަނޑައިގެން ދިއުމުން ދިމާވާ ދަތިތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ޚާއްސަ ސަމާލުކަމެއް ދެމުންނެވެ. އެގޮތުން، މޫސުމީ ބަދަލުތަކާއި އޮއިވަރުގެ ސަބަބުން ކަނދުފަތިތައް ގެއްލޭ މައްސަލައަށް ދާއިމީ ފަރުވާއެއް ހޯދުމަށްޓަކައި، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފްއޭއޯ)ގެ އެހީތެރިކަމާ އެކު ކަނދުފަތީގެ ފަރުމާއަށް ވަނީ ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

Ads by Ooredoo