އިންވެސްޓަރުންނަށް އަމާޒުކޮށް ސިޔާސީ މަންފާއަށް ދޮގު ޚަބަރު ނުފަތުރާ: ވަޒީރު ސަޢީދު
ރާއްޖޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ފަރާތްތަކާ ދެކޮޅަށް ސިޔާސީ ޚިޔާލުތަފާތުވުންތައް އިސްކޮށް، ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރައި ބިރުދެއްކުމުގެ ޢަމަލުތައް ހުއްޓާލުމަށް، އިގުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ގޮވާލައްވައިފިއެވެ.
ސޯޝަލް މީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި ވަޒީރު ވަނީ ދާދިފަހުން ބައެއް ނޫސްތަކުގައި ފަތުރާފައިވާ މަޢުލޫމާތުތަކާމެދު ފުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ޤައުމުގެ ކުރިމަގާއި ރައްޔިތުންނަށް ލިބެން ހުރި ތަނަވަސް ފުރުޞަތުތަކަށް ހުރަސްއެޅޭ ގޮތަށް އިދިކޮޅު ފަރާތްތަކުން ހިންގާ މިފަދަ ނޭދެވޭ ހަރަކާތްތަކުގެ ނާޖާއިޒު ފައިދާ، ދުނިޔޭގެ ވާދަވެރި ބާޒާރުގައި އެހެން ޤައުމުތަކުން ނެގުމަކީ ވަރަށް ގާތްކަމެކެވެ. އަދި އެފަދަ ފަރާތްތަކަށް މިއީ އުފާވެރި "މިޔުޒިކަކަށް" ވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިގުތިޞާދުގެ މައި ނާރެހަކީ ފަތުރުވެރިކަންކަން ހަނދާންކޮށްދެއްވަމުން، އެ ސިނާޢަތަކީ އަބަދުވެސް އައު ބަދަލުތަކާ އެކު ކުރިއަރަމުން އަންނަ ދާއިރާއެއްކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި ދޮގާއި، ނަފުރަތާއި، ޙަސަދަވެރިކަމުގެ ތެރެއިން އެއްވެސް ވިޔަފާރިއެއް ނުވަތަ ސިނާޢަތެއް އާރާސްތު ނުކުރެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގައި އަބަދުވެސް އިސްކުރާނީ ދިވެހި ޤާނޫނުއަސާސީކަމަށާއި، ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް މި ފަސްގަނޑުގައި ނުހިނގާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. އެހެންކަމުން، ކަންކަމުގެ އަސްލު އޮޅުވާލައިގެން މުޖުތަމަޢުގައި ރުޅިވެރިކަން އުފެއްދުމުގެ ބަދަލުގައި، ތެދު މަޢުލޫމާތު ހޯދުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
ސަރުކާރުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާއިރު، ބޮޑެތި ގިނަ މަޝްރޫޢުތަކެއް މިހާރު ވެސް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި، ނޫނު އަތޮޅުގައި ތަރައްޤީކުރާ "ޢައިލާ" ސަސްޓެއިނަބަލް ޓައުންޝިޕް އަދި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާ "ރަސްމާލެ" ހިމެނެއެވެ. މިފަދަ ބިޔަ މަޝްރޫޢުތަކާ ގުޅުވައިގެން ސިޔާސީ މައިދާނުގައި ތަފާތު އެކި ވާހަކަތައް ދެކެވެމުންދާކަން ފާހަގަކުރެވެއެވެ.
