"އަހާ" ފޯރަމްގެ ދިހަވަނަ ބައްދަލުވުން މިރޭ
ސަރުކާރުގެ އެކި ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ވަޒީރުން މެދުވެރިކޮށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމް ގުޅިގެން ސަލްޓަން ޕާކުގައި މިރޭ "އަހާ" ފޯރަމްގެ ދިހަވަނަ ބައްދަލުވުން ބާއްވަން ނިންމައިފިއެވެ.
މިރޭ 21:00 ގައި ފަށާ ދެ ގަޑިއިރުގެ މި ހާއްސަ ޕްރޮގްރާމްގައި ތިން ވުޒާރާއެއްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރުގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
މި ފޯރަމްގައި އާންމުންނަށް ސީދާ އިވެންޓް ކުރިއަށްދާ ސަރަޙައްދަށް ގޮސްގެންނާއި، އޮންލައިން މަންސަތައް މެދުވެރިކޮށް ވެސް ސުވާލު ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، ޕީއެސްއެމްގެ އެއަރ އެޕްލިކޭޝަންގެ އިތުރުން އެކްސް އަދި ފޭސްބުކް ފަދަ މީސްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ވަޒީރުންނާ ސުވާލުކުރެވޭނެއެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކާއި، އެކަންކަން ޙައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ފަހުގެ މަޢުލޫމާތުތައް ސާފުކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެކެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ދައުލަތް ހިންގުމުގެ ބޭނުމުގައި މި އަހަރުގެ ޖަނަވަރީ މަހު ފެށި މި ސިލްސިލާގެ ދަށުން، މިހާތަނަށް ކާމިޔާބުކަމާ އެކު ނުވަ ފޯރަމެއް ވަނީ ބާއްވާފައެވެ.
