ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި ފުލުސްމީހާއަށް ވަޒީރު އިހުސާން ހިތްވަރުދެއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސިނަމާލެ ބްރިޖު ހައިވޭގައި ގާއިމުކޮށްފައިހުރި ޗެކްޕޮއިންޓެއްގައި ޑިއުޓީ އަދާކުރަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކުން ޖެހި ބޮޑެތި އަނިޔާތަކެއް ލިބުނު ފުލުސް އޮފިސަރުގެ ހާލު ބައްލަވައިލެއްވުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ވަޒީރު ވަނީ އެ އޮފިސަރުގެ އާއިލާއާ ބައްދަލުކުރައްވައި، މި ހިތާމަވެރި ދަނޑިވަޅުގައި ސަރުކާރާއި ދިވެހި ފުލުހުންގެ މުއައްސަސާގެ ފަރާތުން ބޭނުންވާ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފުރިހަމަޔަށް ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވާފައެވެ. މީގެ އިތުރުން، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންގެންދާ ބުރަ މަސައްކަތާއި، އެ އޮފިސަރު ގައުމީ ވާޖިބު އަދާކުރުމުގައި ފަސްޖެހުމެއްނެތި ދެއްކެވި ހިތްވަރުގަދަކަން ވަޒީރު ވަނީ ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވާފައެވެ.

މި ހާދިސާ ހިނގާފައި ވަނީ އޮކްޓޫބަރު 17ވަނަ ދުވަހުގެ ފަތިހު 4:29 ހާއިރު، މާލެއިން ފެށިގެން ހުޅުމާލެއަށް ދަތުރުކުރާ ބްރިޖު ހައިވޭގައެވެ. މަގުމަތީގެ ޤަވާއިދުތަކާ ޚިލާފަށް ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ބެރިކޭޑެއްގައި ޖެހި ކޮންޓްރޯލުން ނެއްޓުނު ސައިކަލެއް އައިސް ފުލުސްމީހާގެ ގައިގައި ޖެހުމުގެ ސަބަބުން އޭނާއަށް ވަނީ ސީރިއަސް އަނިޔާތަކަކާ ކުރިމަތިލާން ޖެހިފައެވެ.

އަނިޔާ ލިބުނު ފުލުސްމީހާއަށް ހިތްވަރު ދެއްވުމަށް ވަޒީރު އޭޑީކޭއަށް ކުރެއްވި މި ޒިޔާރަތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Ads by Ooredoo