ހުޅުމާލޭގައި 220 އެޕާޓްމަންޓްއެއްގައި ރެއިލިން ހަރުކޮށްފި
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެންމެހާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފްލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިން ހަރުކުރުމަށް ފެށި ހަރަކާރުގެ ދަށުން 220އެޕާޓްމަންޓްއެއްގައި ރެއިލިން ހަރުކޮށްފިއެވެ.
ފަހަކަށް އައިސް ފްލެޓުތަކުން ވެއްޓި ކުޑަކުދިންގެ ފުރާނައަށް ގެއްލުން ފަދަ ހިތާމަވެރި ހާދިސާތައް ހިނގާމިންވަރު ވަނީ މި ފަހުން އިތުރުވެފައެވެ. އެގޮތުން ސްޓެލްކޯގެ ފްލެޓް އިމާރާތެއްގެ 12ވަނަ ބުރިން، ދެ އަހަރުގެ ކުއްޖަކު ވެއްޓި ވަނީ ނިޔާވެފައެވެ.
އެހެންވެ އެޕާޓްމަންޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލަން ފެށި މަސައްކަތުގެ ތެރެއިން ރެއިލިން ހަރުކުރަން އެހީތެރިކަމަށް އެދުމުގެ ފުރުސަތު އެޗްޑީސީން މިދިޔަ މަހުގެ ނިޔަލަށް އޮތީ ހުޅުވާލައިފައެވެ.
އެޗްޑީސީން ބުނީ އެ ފުރުސަތުގައި ޖުމުލަ 1,011އެޕާޓްމަންޓުން ރެއިލިން ހަރުކުރުމުގައި އެހީތެރިކަމަށް އެދުނުކަމަށެވެ.
"އެ މަސައްކަތުގެ ތެރެއިން މި ކޯޕަރޭޝަނުން މިހާތަނަށް ވަނީ 220އެޕާޓްމަންޓެއްގެ 273ކުޑަދޮރުގައި ރެއިލިން ހަރުކޮށް ނިންމާފައެވެ. މަސައްކަތް ނުނިމި ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް މި ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ"އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެ ނޫން ވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
