ޚަބަރު

ދަރަނި އަދާކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން މާލީ ވަޒީރު ދެއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
"އަހާ" ފޯރަމްގެ ދިހަވަނަ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކުމުގެ ޤާބިލުކަން ފުރިހަމައަށް އެބަހުރިކަމަށާއި، ދައުލަތަށް ނުކަތާވަރުގެ މާލީ ތަކުލީފެއް މިވަގުތު ނެތްކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްދިޔަ "އަހާ" ފޯރަމްގައި ވާހަކަފުޅުދައްކަވަމުން، ދަރަނި އަދާކުރުމަށްޓަކައި މި ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތަކީ ކުރީބައިގައި އެކަމަށް ތައްޔާރުވުންކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ދަރަނި ދެއްކުމަށް ޤާއިމުކޮށްފައިވާ ޚާއްސަ ފަންޑަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، ބޭރު ފައިސާއިން ދައްކަންލާޒިމުވާ ލޯނުތައް އަދާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޑޮލަރު ލިބޭނެ އިންތިޒާމުތައް ސަރުކާރުން އިތުރަށް ފުޅާކުރަމުން އަންނަކަން ވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.

ހިނގަމުންމިދާ އަހަރަކީ ތާރީޚީ ގޮތުން ބަލާއިރު ވެސް އެންމެ ބޮޑު އަދަދަކުން ދަރަނި އަދާކުރަންޖެހުނު އެއް އަހަރުކަމުގައި ވަޒީރު ސިފަކުރެއްވިއެވެ. ނަމަވެސް މިއަހަރު ނިމުމާ އެކު މިފަދަ ބޮޑު ތަކުލީފަކާ ކުރިމަތިލާން ނުޖެހޭނެކަމަށާއި، ކުރިމަގުގައި ދައްކަންޖެހޭ ފައިސާ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ފަސޭހަކަމާ އެކު މެނޭޖުކުރެވޭނެކަމުގެ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ.

މާލީ ހާލަތު ރަނގަޅުކޮށް އިޤުތިޞާދު ހަމަމަގަށް އެޅުވުމަށްޓަކައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަން ބަޔާންކުރައްވަމުން، ދަރަނި އަދާކުރުމުގައި މިއަހަރު ދިމާވިފަދަ ބޮޑެތި ގޮންޖެހުންތަކެއް ދެން ކުރިމަތިނުވާނެ ކަމަށް ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

Ads by Ooredoo