އެއް އަހަރު ތެރޭގައި 800 އަށްވުރެ ގިނަ މަޝްރޫޢު ހިންގައި ކުޅިވަރާ ބެހޭ ވުޒާރާއިން ރެކޯޑެއް
ޒުވާނުންނާއި ކުޅިވަރަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، ކުޅިވަރާ ބެހޭ ވުޒާރާގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެއް އަހަރުގެ ތެރޭގައި 800 އަށްވުރެ ގިނަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު އެކު އެކީގައި ކުރިއަށްދާކަން ވަޒީރު ޢަބްދުﷲ ރާފިޢު އިޢުލާންކުރައްވައިފިއެވެ.
ސަރުކާރުން އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި މި ބައްދަލުވުމުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް އާދަޔާޚިލާފު ހަލުވިމިނެއްގައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިއީ އެ ވުޒާރާ އުފެދުނު ފަހުން އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ ޢަދަދެއްގެ މަސައްކަތްތައް ހިނގަމުންދާ ފުރަތަމަ ފަހަރުކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާތަނަށް ޙާސިލުކުރެވިފައިވާ ނަތީޖާތަކަށް އަލިއަޅުވާލައްވަމުން ރާފިޢު ވިދާޅުވީ، އަލަށް ފެށުނު މަޝްރޫޢުތަކުގެ ތެރެއިން 130 ވަރަކަށް މަޝްރޫޢުގެ އަމަލީ މަސައްކަތް މިހާރު މުޅިން ނިންމާލެވިފައިވާ ކަމަށެވެ. އަދި އެ ތަންތަން އާންމު ރައްޔިތުންނަށް ބޭނުންކުރެވޭނެ މަގު މިހާރު ފަހިކޮށްދެވިފައިވާކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
އަތޮޅުތެރެއާއި މާލޭގައި މިހާރު ވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކުޅިވަރުގެ ތަފާތު ވަސީލަތްތައް ޤާއިމުކުރުމެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑުތަކާއި، ފުޓްސަލް އަދި ހޭންޑްބޯލް ކޯޓުތައް ހެދުމުގެ އިތުރުން، އައުޓްޑޯ ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ބިނާކުރުން ހިމެނޭކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރޭވިފައިވާ ހުރިހާ މަޝްރޫޢުތަކުގެ ތަފާސްހިސާބަށް ބަލާއިރު، އަމަލީ މަސައްކަތް ނުފެށި އޮތީ އެންމެ 31 އިންސައްތަ މަޝްރޫޢުއެވެ. އަދި މިހާރު ފެށިގެން ކުރިއަށްދާ ހުރިހާ މަސައްކަތްތަކެއް ވެސް ރައީސް މުޢިއްޒުގެ މި ރިޔާސީ ދައުރުގެ ތެރޭގައި ނިންމައި، ރައްޔިތުންނާ ހަވާލުކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް ވަޒީރު ރާފިޢު ވަނީ ވިދާޅުވެފައެވެ.
