ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ފުރާވަޑައިގެންފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައީސުލްޖުމްހޫރިއްޔާ ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް / ފޮޓޯ: ރައީސް އޮފީސް

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ދެއްވި ޚާއްޞަ ދަޢުވަތަކާ ގުޅިގެން، ދެ ޤައުމުގެ ދެމެދުގައިވާ ސިޔާސީ އަދި އިޤްތިޞާދީ ގުޅުންތައް އައު ހަރުފަތަކަށް ގެންދެވުމުގެ މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

މި މަހުގެ ބާވީސްވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީގެ އިތުރުން ބޮޑުވަޒީރާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އަދި މި ބައްދަލުވުންތަކަށް ފަހު، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ގިނަ ފަހުމުނާމާތަކެއްގައި ސޮއިކުރެއްވުމުގެ ޚާއްޞަ ރަސްމިއްޔާތެއް ދެ ޤައުމުގެ އިސްވެރިންގެ ޙާޒިރުގައި ކުރިއަށްދާނެކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއްވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ އިސްވެރިޔަކު ޕާކިސްތާނުގެ ފަސްގަނޑަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ތާރީޚީ ދަތުރުފުޅު ދިމާ ވަނީ، 1966ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހު ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރެވުނު ޚާރިޖީ ގުޅުމަށް ފުރިހަމަ 60 އަހަރު ފުރޭ މުނާސަބަތާއެވެ.

ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ ކުރިއެރުމަށް މަންފާކުރާނެ ފަދަ ގޮތަކަށް އަވައްޓެރި ޤައުމުތަކާ އެކު އޮންނަ ގާތްކަން ދެމެހެއްޓެވުމަކީ ރައީސް މުޢިއްޒު ނުހަނު އިސްކަންދެއްވާ ކަމެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ކެބިނެޓުގެ ވަޒީރުންނާއި ދައުލަތުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by Ooredoo