ޚަބަރު

ހުޅުމާލޭގެ ކެފޭތަކެއް ބަލައި ފާސްކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ މީހުން ހޯދުމަށް އިމިގްރޭޝަނުން އިއްޔެ ހުޅުމާލޭގެ ކާބޯތަކެތި ވިއްކާ ތަންތަނަށް އަމާޒުކޮށްގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ކަމާ ބެހޭ ހުއްދަތަކާ ނުލައި މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގުޅުންހުރި މުއައްސަސާތައް އެކުވެގެން އެކުލަވާލާފައިވާ ޚާއްޞަ ޓާސްކް ފޯހަކުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ޖުމްލަ 22 ބިދޭސީއެއްގެ ވިސާއާއި އެހެނިހެން ލިޔެކިޔުންތައް ވަނީ ތަޙުޤީޤުކޮށްފައެވެ. އޭގެ ތެރެއިން، ރާއްޖޭގައި މަސައްކަތްކުރުމުގެ ޞައްޙަ ހުއްދައެއް ނެތްކަން ފާހަގަކުރެވުނު ތިން މީހަކު ވަގުތުން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ނަގާފައެވެ.

އެއްވެސް ހުއްދައަކާ ނުލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމިއްލަ ވިޔަފާރިކުރާ އަދި ތަފާތު ވަޒީފާތަކުގައި އުޅޭ ބިދޭސީން ދެނެގަނެ ފިޔަވަޅު އެޅުމަށްޓަކައި، މޯލްޑިވްސް އިމިގްރޭޝަނުން ދަނީ މާލެ ސަރަޙައްދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މިފަދަ އިންސްޕެކްޝަންތައް ހިންގަމުންނެވެ.

މިފަދަ ހަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އަމާޒަކީ، ބިދޭސީންގެ މައްސަލަތަކަށް ދާއިމީ ހަރުދަނާ ޙައްލެއް ހޯދައިދިނުމެވެ. އޭގެ އިތުރުން، ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކަށް ނިމުމެއް ގެނެސް، ދިވެހި މުޖުތަމަޢުއާއި ޤައުމުގެ އިޤުތިޞާދީ ސަލާމަތްތެރިކަން ކަށަވަރުކުރުމަކީ ވެސް މި ސިލްސިލާ އޮޕަރޭޝަންތަކުގެ މުހިންމު މަޤުޞަދެކެވެ.

Ads by Ooredoo