ޚަބަރު

ރަސްމާލޭގައި ހަދާ ޕްރޮޕަޓީތަކުގެ ބާރު އޮންނާނީ ހަމައެކަނި ދައުލަތަށް: ރައީސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ އެޓް ރަސްމާލެ

އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ތަރައްގީކުރާ ބިނާތަކާއި ގޯތިތަކުގެ މައްޗަށް ދިވެހި ދައުލަތުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި "ދަ ޕަލްސް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން، ނުވަދިހަ ނުވަ އަހަރަށް ބިން ދޫކުރުމާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ފާހަގަކުރެއްވީ، އެ މުއްދަތަށް ފަހު އެ ތަންތަން އަނބުރާ ވިއްކަންޖެހޭނީ ސީދާ ސަރުކާރަށް ކަމަށެވެ. އަދި އަމިއްލައަށް އެހެން ފަރާތަކަށް އެތަންތަން ނުވިއްކޭނެކަމަށާއި، މުއްދަތު ހަމަވުމުން އަމިއްލައަށް އެއްބަސްވުން އާނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ހިނގާ ކޮންމެ މުއާމަލާތަކުން ދައުލަތަށް މާލީ މަންފާތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހުޅުމާލެ އާބާދުކުރުމުގައި ކަންހިނގާދިޔަ ގޮތާ ޚިލާފަށް، ރަސްމާލެއަށް މީހުން ބަދަލުވުމުގެ ކުރިން އެ ތަނަކީ އިންވެސްޓްމަންޓްތަކާ އެކު ފުރިހަމަވެފައިވާ ތަނަކަށް ހެދުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ވިދާޅުވިއެވެ.

އީގަލް ހިލްސްގެ ބައިވެރިވުމާ އެކު ރަސްމާލޭގެ ތަރައްގީ ވަރަށް ހަލުވިކަމާ އެކު ފުރިހަމަވެގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސިޔާސީ މަންފާއަށް ބަޔަކު އޮޅުވާލަން މަސައްކަތްކުރި ނަމަވެސް، ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އެއްވެސް އެއްބަސްވުމެއް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ފުށުނާރާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ.

Ads by Ooredoo