މިދިޔަ ހަފްތާގައި ހިމަބިހީގެ އެންމެ ކޭހެއްވެސް ނުފެނޭ
މިދިޔަ ހަފްތާގައި ހިމަބިހީގެ އެންމެ ކޭހެއްވެސް ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.
މި އަހަރު ރާއްޖޭގައި ހިމަބިހީގެ އައުޓްބްރޭކެއް އައީ މިދިޔަ މޭ މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން ދިޔަ ނަމަވެސް ފާއިތުވި ތިން ހަފްތާގައި ކޭސްތައް ވަރަށް ބޮޑަށް ވަނީ މަދުވެފައެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ނިމިގެން ދިޔަ ހަފްތާގައި ހިމަބިހީގެ އެންމެ ކޭހެއް ވެސް ނުފެންނަ އިރު އޭގެ ކުރީ ހަފްތާ ވެސް ފެނުނީ ހިމަބިހީގެ އެންމެ ކޭހެެކެވެ. އެއާއެކު ހިމަބިހި ޖެހުނު މީހުންގެ އަދަދު މިހާރު ހުރީ 287އަށް އަރައިފައެވެ.
ހިމަބިހި އިތުރުވަމުންދާތީ އެ ބަލި ކޮންޓްރޯލްކުރަން ހިމަބިހީގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަ ނުކުރާ މީހުންގެ ގަޔަށް ވެކްސިން ޖަހަން ވެސް ހެލްތު މިނިސްޓްރީން މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ. އިންޑިއާއިން ވަނީ އެކަމަށް ބޭނުންވާ ވެކްސިން ޑޯޒްތައް ރާއްޖެއަށް ހަދިޔާވެސްކޮށްފައެވެ. އެޗްޕީއޭއިން ބުނީ މިހާތަަނަށް 16،689މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ.
ވައިގެ ޒަރީއާއިން އިންތިހާއަށް ހަލުވިކަމާ އެކު ފެތުރޭ މި ބައްޔަކީ "މީސްލްސް"ނަމަކަށް ކިޔާ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ސިއްހީ ތަޖުރިބާކާރުން ބަޔާންކުރައްވާ ގޮތުގައި، ބަލިމީހާ ކެއްސައި ކިނބިހި އަޅާއިރު ބޭރުވާ ވައިރަހުގެ ސަބަބުން، އޭނާއާ އެކުގައި އުޅޭ މީހުންގެ ތެރެއިން ނުވަދިހަ އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ބަލިމީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ވައިރަސް ވާސިލު ވަނީ ހަށިގަނޑުން ބިހިތައް ފާޅުވުމުގެ ހަތަރު ފަސް ދުވަސް ކުރިން ފެށިގެން، ބިހިތައް ނަގާތާ ހަތަރު ފަސް ދުވަސް ފާއިތުވަންދެން އޮންނަ މުއްދަތުގެ ތެރޭގައެވެ.
