ބޮޑު އަގުގައި ބޭރު ފައިސާ މާރުކުރަމުން ދިޔަ ދެ ބިދޭސީއަކު އަތުލައިގަނެފި
ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އަދި ކަޅު ބާޒާރުގެ ރޭޓުގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގަމުންދިޔަ އިންޑިއާ އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރިހެނަކު، މިދިޔަ އޮކްޓޫބަރު މަހުގެ 20ވަނަ ދުވަހު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ އެއްވެސް ލައިސަންސެއް ނެތި މި ވިޔަފާރިކުރަމުންދިޔަ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ޕްރަދީޕް ޗޯލަކޮޓިލް ސަންކަރަނާޔަނަން އަދި ބަންގްލަދޭޝްގެ މުޙައްމަދު ރަސެލް މިއާ ކަމަށެވެ. މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، ބޭރު ފައިސާގެ މުއާމަލާތްތައް ޤަވާއިދާ ޚިލާފަށް ކުރާ ފަރާތްތައް ހޯދުމަށް ފުލުހުން އެކުލަވާލާފައިވާ ޚާއްސަ ޓާސްކްފޯސްގެ ހޮޓްލައިނަށް ލިބުނު ސިއްރު މައުލޫމާތެއްގެ އަލީގައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި ދެ ބިދޭސީންގެ މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި އެ މީހުންނާ މެދު ގާނޫނީ ގޮތުން އަޅާނެ ފިޔަވަޅުތައް ކަނޑައަޅާނީ ތަހުގީގުގެ ތެރެއިން ހާމަވާ ކަންކަމަށް ބެލުމަށް ފަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ހުއްދައަކާ ނުލައި ފުޅާ ދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކުގެ މައުލޫމާތު އެނގޭނަމަ، އެކަން ކަމާބެހޭ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733އަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ އަދި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
