ޚަބަރު

ވަޒީރު ހީނާ ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ތަރިކަ ހިމާޔަތްކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމުގެ މަގުސަދުގައި ދިވެހިރާއްޖޭގެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ހަރަކާތެއްގެ ގޮތުން، އޭޝިއާ ސަރަހައްދުގެ ސަގާފީ ތަރިކައާ ގުޅޭ އިއްތިހާދު (އޭސީއެޗްއޭ)ގެ ހަތަރުވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވަޒީރު ވަނީ ތަގުރީރު ކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި، ޒަމާނީ އީޖާދުތަކާއި ޓެކްނޮލޮޖީގެ އެހީގައި އާސާރީ ތަންތަން ހިމާޔަތްކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ގޮވާލެއްވިއެވެ. މީގެ އިތުރުން ޗައިނާގެ ނޭޝަނަލް ކަލްޗަރަލް ހެރިޓޭޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ކިއާއޯ ޔުންފެއި އާ ބައްދަލުކުރައްވައި، ރާއްޖޭގެ ދާރުލްއާސާރުތައް ތަރައްގީކޮށް، ދެ ގައުމުގެ ދެމެދުގައި ސަގާފީ ގުޅުން އިތުރަށް ހަރުދަނާކުރުމާ މެދު ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްވެރިންނާ އެކު ވެސް ވަޒީރު ހީނާ ވަނީ މުހިންމު ބައްދަލުވުންތަކެއް ބާއްވަވާފައެވެ. އެގޮތުން، އައިސީސީއާރުއޯއެމްގެ ޑިރެކްޓަރ ޖެނެރަލް އަރޫނާ ގުޖްރާލްއާ ބައްދަލުކުރައްވައި، އުފެއްދުންތެރި އިގްތިސާދެއް ބިނާކުރުމުގައި ތަރިކައިގެ މުހިންމުކަމާއި، ޒުވާނުންނަށް ބޭނުންވާ ތަމްރީނު ހޯދައިދިނުމާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. އަދި އޭއެލްއައިޕީއެޗް ފައުންޑޭޝަންގެ އެގްޒެކްޓިވް ޑައިރެކްޓަރ ވަލޭރީ ފްރޭލަންޑާ އެކު ބޭއްވެވި މަޝްވަރާތަކުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން އާސާރީ ތަންތަނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ރާއްޖޭގެ ކުތުބުހާނާތައް ޑިޖިޓަލްކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ވަނީ އެދިވަޑައިގެންފައެވެ.

ޗައިނާގެ ތަރިކަ ރައްކާތެރިކުރާ ނިޒާމުތައް ހިނގާގޮތް ދެނެގަތުމަށްޓަކައި މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ހަންގްޒޫ ސިޓީގެ މަޝްހޫރު ބައެއް ތަންތަނަށް ޒިޔާރަތްކުރައްވާފައެވެ. އޭގެ ތެރޭގައި ޗައިނާގެ ގައުމީ ސިލްކް މިއުޒިއަމްއާއި، ޒެޖިއަންގް ލައިބްރަރީ އަދި ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ ހިމެނެއެވެ. މި ޒިޔާރަތްތަކުގައި އެ ތަންތަނުގެ އާސާރުތައް ބަލަހައްޓާ ގޮތާއި ހިންގުމުގެ އުސޫލުތައް ވަޒީރު ވަނީ ގާތުން އޮޅުންފިލުއްވާފައެވެ.

Ads by HDC