ރައީސްއަށް ޕާކިސްތާނުން ރަސްމީ އިއްޒަތުގައި މަރުޙަބާ ދަންނަވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން އެމަނިކުފާނަށް ރަސްމީ އިއްޒަތުގައި މަރުޙަބާ ދަންނަވައިފިއެވެ.
ބޮޑުވަޒީރުގެ ގެކޮޅަށް ދިވެހިރާއްޖޭގެ އެންމެ އިސްވެރިޔާ ވަޑައިގަތުމާ އެކު، އެމަނިކުފާނުގެ ޝަރަފުގައި ޚާއްޞަ ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފައެވެ. އަދި މި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދިނުމުގެ ގޮތުން ރައީސް ޑރ. މުޢިއްޒު ވަނީ އެ ގޯތިތެރޭގައި ހަނދާނީ ގަހެއް އިންދަވާފައެވެ.
މި ދަތުރުފުޅުގެ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި، ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ބާއްވަވާ ރަސްމީ މަޝްވަރާތައް ހިމެނެއެވެ. އޭގެ އިތުރުން، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.
އޮކްޓޫބަރު މަހުގެ 20އިން 22އަށް ކުރިއަށްދާ މި ދަތުރުފުޅަކީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ދަތުރުފުޅެކެވެ. މިއީ ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާވާ ދަތުރުފުޅެއް ވެސް މެއެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީ ޚާރިޖީ ގުޅުން ފެށިފައި ވަނީ 26 ޖުލައި 1966 ގައެވެ.
