ފާއިތުވި މަހު އަންހެނުންނާއި ކުޑަކުދިންގެ 231 މައްސަލައެއް ރިޕޯޓުކޮށްފި
ނިމިދިޔަ މަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ކުޑަކުދިންނާއި އަންހެނުންނަށް އަމާޒުކޮށްގެން ހިންގާފައިވާ އެކި ބާވަތުގެ އަނިޔާތަކާ ގުޅޭ 231 މައްސަލައެއް، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއަށް ހުށަހަޅާފައިވާކަން އެ އިދާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
އެ ވުޒާރާއިން ނެރެފައިވާ ރިޕޯޓަށް ބަލާއިރު، މީގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ލިބޭ އެކި ކަހަލަ އަނިޔާތަކުގެ މައްސަލަތަކެވެ. އެގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރޭގައި ޖިސްމާނީ އަނިޔާގެ 29 މައްސަލައާއި، ކުދިންނަށް އަޅައިނުލުމުގެ 16 މައްސަލައިގެ އިތުރުން ޖިންސީ ގޯނާގެ 15 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ވެސް، ގެވެށި އަނިޔާ ކުރާތަން ފެނުމުގެ 12 މައްސަލައަކާއި، ނަފްސާނީ ގޯނާގެ 8 މައްސަލައެއްގެ އިތުރުން ގަނާކުރުމުގެ 5 މައްސަލައަކާއި، ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގެ އިތުރުން އެހެނިހެން ބާވަތުގެ މައްސަލައެއް ވަނީ ރެކޯޑުކުރެވިފައެވެ.
ޖިންސީ ތަފާތުކުރުންތަކާއި ގެވެށި އަނިޔާއާ ގުޅޭގޮތުން ޖުމުލަ 51 މައްސަލައެއް ހުށަހަޅާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނަށް ލިބިފައިވާ އަނިޔާތަކެވެ. އެއީ 41 އަންހެނުންނާއި 10 ފިރިހެނަކަށް ކުރިމަތިވި ހާދިސާތަކެކެވެ. ހަމައެއާ އެކު، ކުޑަކުދިންގެ އަޚުލާޤާއި ސުލޫކާ ގުޅޭ 16 މައްސަލައެއް ވެސް ވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރޭގައި ރުޅި އިސްކުރުމުގެ 6 މައްސަލައާއި، ގެއިން ފިލުމުގެ 2 މައްސަލައާއި، ސްކޫލަށް ދާން ދެކޮޅު ހެދުމުގެ މައްސަލައެއްގެ އިތުރުން ސުލޫކީ އެހެނިހެން 7 މައްސަލައެއް ހިމެނެއެވެ.
އާންމުންގެ ފަރާތުން އެހީތެރިކަން ހޯދުމަށް ގުޅާ މިންވަރު އިތުރުވެފައިވާކަން ހެލްޕްލައިންތަކުގެ ތަފާސްހިސާބުތަކުން ދައްކައެވެ. ފާއިތުވި މަހު އެކަނި ވެސް ކުޑަކުދިންގެ ހެލްޕްލައިން (1412)އަށް 1،662 ކޯލު އައިސްފައިވެއެވެ. އޭގެ ތެރޭގައި 760 ކުޑަކުދިންނާއި 617 ބޮޑެތި މީހުންގެ އިތުރުން ކާކުކަން ނޭނގޭ 285 ފަރާތެއް ހިމެނެއެވެ. އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިން (1421)އަށް 511 ފަރާތަކުން ގުޅާފައިވާއިރު، އޭގެ ތެރޭގައި 254 ކުޑަކުދިންނާއި 167 ބޮޑެތި މީހުންނާއި ކާކުކަން ނޭނގޭ 90 ފަރާތެއް ހިމެނޭކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، މި އަދަދުތައް މައްޗަށް ދިއުމަކީ މުޖުތަމަޢުގެ މެދުގައި ހޭލުންތެރިކަން ބޮޑުވެ، ކަމާ ބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދަން އާންމުން ފަސްނުޖެހޭކަމުގެ ހެއްކެކެވެ. އަދި މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ، ކުޑަކުދިންނާއި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތަކުން އަންނަނީ ގުޅިގެން ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ.
