ޚަބަރު

ދިފާއީ ދެ ފަހުމުނާމާގައި ރާއްޖެއިން ޕާކިސްތާނާ އެކު ސޮއިކުރައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާއީ ދެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއަކާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއެއް ހިމެނެއެވެ.

މި ދެ ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިފާއީ ވަޒީރު ހަސަން ރަޝީދެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުގެ ފެޑެރަލް ސެކްރެޓަރީ އޮފް ޑިފެންސް، ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް)މުހައްމަދު އަލީއެވެ.

ރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިފާއީ ދެ ފަހުމުނާމާގައި ސޮއިކުރިއިރު ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު ޢާސިމް މުނީރު ވަނީ ރައީސް މުއިއްޒުގެ އަރިހަށް ރޭ އިހުތިރާމުގެ ޒިޔާރަތެއް ވެސް ކުރައްވައިފައެވެ.

Ads by HDC