މޯލްޑިވިއަންގެ ދަތުރުތައް ޕާކިސްތާނަށް ފަށަނީ
މޯލްޑިވިއަންގެ ދަތުރުތައް ޕާކިސްތާނަށް ފަށަން ނިންމައި، އެކަން ސަރުކާރުން އިއުލާންކޮށްފިއެވެ.
އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވި މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026ގައި ތަގުރީރުކުރައްވަމުންނެވެ.
އެގޮތުން ޕާކިސްތާނާއެކު ވިޔަފާރިއާއި ދަތުރުފަތުރު އިތުރަށް ފުޅާކުރުމަށްޓަކައި، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން މެދުވެރިކޮށް މާލެއާއި، ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ވަރަށް އަވަހަށް ސީދާ ދަތުރުތައް ފެށުމަށް އަމާޒުހިފާފައިވާކަންވެސް އެމަނިކުފާނު އިއުލާންކުރެއްވިއެވެ.
މީގެ ކުރިން ވެސް ޕާކިސްތާނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް މަޝްވަރާތައް ކޮށްފައިވެއެވެ. ނަމަވެސް އޭގެ އަމަލީ ސިފައެއް ނުފެނެއެވެ. ރާއްޖެއާ ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ނޯންނާތީ ދެ ގައުމުގެ ދެމެދު ދަތުރުތައް އާންމުކޮށް ކުރަނީ ދުބާއީ ނޫނީ ލަންކާގައި ޓްރާންސިޓް ކުރުމަށް ފަހުއެވެ.
ޕާކިސްތާނުގެ ޑޮކްޓަރުންނާއި ޓީޗަރުން ވެސް ރާއްޖޭގައި މަސައްކަތް ކުރާއިރު ބައެއް ދިވެހި ދަރިވަރުން ވެސް ޕާކިސްތާނުގައި ކިޔަވަން ތިބެއެވެ.
