އުފެއްދުންތެރިކަމުގެ މައުރަޒު "މޯލްޑިވްސް އެކްސްޕޯ 2026" ރައީސް އިފްތިތާޙުކޮށްދެއްވައިފި
"މޯލްޑިވްސް އެކްސްޕޯ 2026" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު އައު އުސްމިންތަކަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ބާއްވާ މި މައުރަޒަކީ މީގެ ކުރިން ދުވަހަކު ވެސް ނުފެންނަހާ ފުޅާ ދާއިރާއެއްގައި އިންތިޒާމުކުރެވިފައިވާ ހަރަކާތެކެވެ. މައުރަޒުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 240 ފަރާތަކުން ބައިވެރިވި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 430 އަށް އިތުރުވެފައެވެ. އަދި މައުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްދުންތަކުގެ އަދަދު 4،400އަށް ވުރެ ގިނައިރު، މައުރަޒު ބަހާލެވިފައިވާ ޑިސްޓްރިކްޓްތަކުގެ އަދަދު ވަނީ 5އިން 7އަށް އިތުރުކޮށްފައެވެ.
މިއަހަރުގެ އެކްސްޕޯގައި އަލަށް ތަޢާރަފުކުރި "ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓް"އަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ފުރުސަތުތަކެއް ހުޅުވައިދޭ ތަނެކެވެ. މީގެ އިތުރުން، "އިންޓަނޭޝަނަލް ޑިސްޓްރިކްޓް" މެދުވެރިކޮށް، ރާއްޖެއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކޮށްފައިވާ އަދި އެކަމަށް މަސައްކަތްކުރަމުންދާ ގައުމުތަކުގެ ފަންނީ އުފެއްދުންތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މުޅި ސެންޓްރަލް ޕާކު އެއްކޮށް ހިމެނޭހެން ބާއްވާ "މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްދާނީ މިރެއިން ފެށިގެން ނޮވެމްބަރު މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މައުރަޒުގެ ސްޓޯލްތައް ބައްލަވާލައްވައި ބައިވެރިންނާ ބައްދަލުކުރެއްވުމަށް، އޮކްޓޫބަރު 26 ވާ ހޯމަ އަދި 27 ވާ އަންގާރަ ދުވަހުގެ ރޭ ވެސް އެ ސަރަޙައްދަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން އިންތިޒާމުކުރާ މި މައުރަޒުގެ ޝިޢާރަކީ "ފިއުޗަރ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް"އެވެ. މި އެކްސްޕޯއަކީ 2040ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ، ސިންދަފާތު އިޤްތިޞާދެއް އޮތް ޤައުމަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ އުންމީދީ ތަޞައްވުރު ޙާޞިލުކުރުމަށް މަގުފަހިކޮށްދޭ މުހިންމު މަންސައެކެވެ.
