ޚަބަރު

ހަށިގަނޑުގައި ރައްކާކޮށްގެން ޑްރަގު އެތެރެކުރަން އުޅުނު 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގުލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހަޒާރުމާގެ / ވ. ފުލިދޫ، އަޙްމަދު ނަޞީރު (62އ) ކަމަށެވެ. ޑްރަގް އެންފޯސްމަންޓުން އޭނާ ހައްޔަރުކޮށްފައި ވަނީ މި އޮކްޓޫބަރު މަހުގެ 24ވަނަ ދުވަހު އޭނާ ރާއްޖެއައި އިރު ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެންނެވެ.

އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 19 ބުލެޓް ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 427 ގުރާމު ހުންނާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން އަޙްމަދު ނަޞީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Ads by HDC