ޚަބަރު

6 ކިލޯއަށްވުރެ ގިނަ ޑްރަގު އެތެރެކުރަން އުޅުނު 4 ބިދޭސީން ހައްޔަރުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެމްޑީ ޖިހާދު ބިން އަރީފް (20އ)އާއި، އެމްޑީ މިޒަންނޫރު ރަހްމާން (41އ)އާއި، މިރްޒާ އަލް އަމީން (30އ)ގެ އިތުރުން އެމްޑީ އަރްމާން އަލީ (21އ) ކަމަށެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންކަމަށް ފުލުހުން ބުނެއެވެ.

އެ މީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް މޯލްޑިވްސް ކަަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމްޑީ މިޒަންނޫރު ރަހްމާން (41އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި ދެންތިބި ތިންމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

Ads by HDC