އިޤުތިޞާދީ އައު އުއްމީދެއް: ތިލަފުށި ޕޯޓުން މުދާ ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
ރާއްޖޭގެ އިޤުތިޞާދީ މައި ހަބުގެ ގޮތުގައި ތަރައްޤީކުރާ ތިލަފުށި ބަނދަރުން، މުދަލާ އެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް އެމްޕީއެލްއިން މިއަދު ފަށައިފިއެވެ.
މިއީ ތިލަފުށީ ބަނދަރުގެ އޮޕަރޭޝަންތައް ފެށުމަށް ފަހު އެތަނުން ދޭންފެށި އެންމެ ފުރަތަމަ ޚިދުމަތެވެ.
މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ، ރާއްޖޭގެ އިޤުތިޞާދު އައު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. 1986ވަނަ އަހަރުން ފެށިގެން ޚިދުމަތް ދެމުން އަންނަ މާލޭ ބަނދަރު، 2015ވަނަ އަހަރުން ފެށިގެން ހިންގަމުންދަނީ އޭގެ އަސްލު ކެޕޭސިޓީއަށްވުރެ ތިން ގުނަ އިތުރަށެވެ. ތިލަފުއްޓަށް ބަނދަރު ބަދަލުވުމުން، ޕޯޓުގެ ޚިދުމަތްތައް މިހާރަށްވުރެ ހަތަރު ގުނަ ފުޅާވެގެންދާނެ ކަމަށް ސަރުކާރުން މަޢުލޫމާތުދެއެވެ.
މި ޚިދުމަތް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޙުސައިން ޝަފީޤު ވިދާޅުވީ، މާލެ އާއި ހުޅުމާލޭގެ ބަނދަރުތަކުގައި ޖާގަ ކުޑަވުމުގެ ސަބަބުން ދޯނިފަހަރަށް ކޮންޓެއިނަރު އެރުވުމުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ނަމަވެސް، ތިލަފުށިން މި ފެށުނު ޚިދުމަތާ އެކު ދޯނިފަހަރުގެ ކްލިއަރެންސް މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެންމެ ފުރަތަމަ މި ފައްޓަނީ އެފްސީއެލް (FCL) ކްލިއަރެންސް އޮޕަރޭޝަން ދޯނިފަހަރަށް. އިރާދަކުރެއްވިއްޔާ މާދުރުނޫން މުސްތަޤުބަލެއްގައި އަޅުގަނޑުމެން މިތަނުން ކޮންޓެއިނަރތައް ކަނޑައިގެން އެލްސީއެލް (LCL) ކާގޯވެސް ދޫކުރަން ފައްޓާނަން. މިއަދު މިފެށުނީ ކޮންޓެއިނަރ ހުރިގޮތަށް ދޯނިފަހަރަށް ލޯޑު ކޮށްގެން ކްލިއަރެންސް ހެދުމުގެ މަސައްކަތް،" ސީއީއޯ ވިދާޅުވިއެވެ.
ތިލަފުށީ ބަނދަރުގެ މުޅި މަޝްރޫޢު އަންނަ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ 2027ވަނަ އަހަރުގެ ނޮވެމްބަރު މަހަށް މުޅި ބަނދަރު އެއްކޮށް ނިންމައި ބޭނުންކުރަން ފެށުމެވެ. މި ބަދަލާ އެކު މުދާ އެތެރެކުރުމަށް ކުރާ ޚަރަދުތައް ކުޑަވެ، ބާޒާރުގައި ތަކެތީގެ އަގު ހެޔޮވުމުގެ ފައިދާ ސީދާ ރައްޔިތުންނަށް ކުރާނެ ކަމަށް ސަރުކާރުން ދެކެއެވެ.
