ޚަބަރު

އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ކޮމިޓީން ފާސްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދައުލަތުގެ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ދެވޭ މުސާރައާއި އިނާޔަތްތައް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

މި ބަދަލަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަންނަވާ އުޖޫރައާ އެއްވަރުގެ މުސާރައެއް އުއްތަމަ ފަނޑިޔާރަށް ވެސް ހަމަޖައްސައިދިނުމުގެ މަގުސަދުގައި ގެނައި ބަދަލެކެވެ.

މިއަދު ހެނދުނު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މި ހުށަހެޅުން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. އޭނާގެ ހުށަހެޅުމުގައިވަނީ އުއްތަމަ ފަނޑިޔާރުގެ އިނާޔަތްތައް މުރާޖައާކޮށް، ޚާއްސަ އެލަވަންސެއްގެ ގޮތުގައި 4,125 ރުފިޔާ އިތުރުކުރުމަށެވެ. ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ތާއީދުކުރެއްވި މި ހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

މިދިޔަ އަހަރު ޝަރުޢީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިހާރު އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވަނީ 91,000 ރުފިޔާއެވެ. ނަމަވެސް، މަޖިލީހުގެ ރައީސްގެ މުސާރަ 95,125 ރުފިޔާއަށް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ދާދިފަހުން ނިންމާފައިވާތީ، އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް އެ މިންވަރަށް ހަމަހަމަކުރުމަށްޓަކައި މިއަދު ފާސްކުރި 4,125 ރުފިޔާގެ އެލަވަންސާ އެކު، އުއްތަމަ ފަނޑިޔާރަށް ދެން ޖުމްލަ 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން، ދައުލަތުގެ އެހެން ބައެއް މަޤާމުތަކުގެ އިނާޔަތްތަކަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ވަޒީރުންގެ ޕެޓްރޯލް އެލަވަންސަށް 2,000 ރުފިޔާ، ޑްރައިވަރުންގެ މުސާރައަށް 12,000 ރުފިޔާ އަދި ޑްރައިވަރުންގެ ލިވިންގ އެލަވަންސަށް 3,000 ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ކައުންސިލްތަކުގެ ރައީސުންނާއި، ނައިބު ރައީސުންގެ އިތުރުން މެންބަރުންނަށް ވެސް 5,000 ރުފިޔާގެ އިތުރު އިނާޔަތެއް ދިނުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

Ads by HDC