ޓްރަމްޕް ވޯޓު ލީ ކާކަށް؟

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ރައީސް ޑޮނަލްޑް ޓަރްމްޕް ވޯޓު ލައިފިއެވެ.
ހޮނިހިރު ދުވަހު ޓްރަމްޕް ވޯޓު ލާފައިވަނީ ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި ހުރި ވޯޓުލާ މަރުކަޒަކަށެވެ. މިއީ ފްލޮރިޑާ ރައްޔިތަަކަށް ވުމަށް ފަހު ޓްރަމްޕް ވޯޓުލާފައިވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ނިއުޔޯކަށް އުފަން ޓްރަމްޕް ފްލޮރިޑާގެ ރައްވެއްސަކަށްވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
އެ ސަރަހައްދަށް ޓްރަމްޕް ވޯޓުލާން ގޮސްފައިވާއިރު އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މަރުކަޒު ދަށަށް އެއްވެފައެވެ. އަދި ވޯޓަށް ފަހު ޓްރަމްޕް ވަނީ ސަޕޯޓަރުންނާ މުހާތަބު ކޮށް ވާހަކަ ވެސް ދައްކާފައެވެ.
ޓްރަމްޕްގެ ވާހަކައިގައި ބުނި ގޮތުގައި އޭނާ ވޯޓުލީ "ޓްރަމްޕް" ކިޔާ މީހަކަށެވެ. ޓްރަމްޕް މިހެން ބުނުމާއެކު ގިނަ ބަޔަކު އަންނަނީ ޓްރަމްޕް ވޯޓުލީ އޭނާއަށް ކަމަށް ބުނަން ފަށާފައެވެ.
މީގެ އިތުރުންވެސް ޓްރަމްޕްގެ ވާހަކައިގައި ވަނީ ވޯޓު މަރުކަޒުތަކަށް ގޮސް ވޯޓު ލުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން ޕޯސްޓު މެދުވެރިކޮށް ވޯޓުލުމަކީ ވޯޓަށް ވަގު ހެދުމަށް މަގުފަހިވާ ފަދަ ކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަކޮށްފައެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ އެންމެ ފަހު މަރުހަލާ އޮންނާނީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އެގޮތުން މިހާރު ވެސް 56 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އިންތިހާބުގެ ކުރިން ވޯޓުލާފައެވެ.