ދީން

ދުޢާ ކުރަން އެންމެ ރަނގަޅު ވަގުތުތައް އެނގެން ބޭނުން ހެއްޔެވެ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުޢާ ކުރުމަކީ އެންމެންނަށް ވެސް ވަރަށް މުހިންމު ކަމެކެވެ. މުސީބާތްތަކުން ސަލާމަތްވެ، މައްސަލަތަކަށް ޙައްލުދީ އަދި ތިމާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް އެންމެ ފަސޭހައިން ހާސިލް ކުރެވޭނީ ހެއްދެވި ފަރާތަށް ދުޢާ ދެންނެވުމުންނެވެ.

Ads by MWSC

އެގޮތުން، ދުޢާ ކުރުން އެންމެ ރަނގަޅު ވަގުތުތަކެއް އަދި އެންމެ ފަސޭހައިން ދުޢާ އިޖާބަ ކުރައްވާނެ ވަގުތުތަކެއް ވެއެވެ.

މިއީ އޭގެތެރެއިން ބައެއް ވަގުތުތައް/ހާލަތްތަަކެވެ.

▪︎ ދަންވަރު ގަޑީގައި(މަސްދަރު: ސަޙީޙް އަލް ބުޚާރީ)

ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅުތަކުން އެނގިފައިވާ ގޮތުގައި ރޭގަނޑުގެ ބައިތަކުގެ ތެރެއިން ތިންވަނަ ބައިގައި (ދަންވަރު ވަގުތު) ކުރާ ދުޢާ އެކަލާނގެ އިޖާބަކުރައްވާނެއެވެ. އެންމެ އެދެވިގެންވާ ގޮތަކީ ދަމުނަމާދަށް ފަހު ދުޢާ ދެންނެވުން ކަމަށް ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅުތަކުގައި ވެއެވެ.

▪︎ ސަޖިދައިގައި އޮންނަ ވަގުތު (މަސްދަރު: ސަޙީޙް އަލް ބުޚާރީ)

އެކަލާނގެއާއި އެކަލާނގެ ހެއްދެވި އަޅާއާ ދެމެދު އެންމެ ގާތްކަން ބޮޑުވެގެންވާ ވަގުތަކީ ނަމާދު ކުރާއިރު ސަޖިދައިގައި އޮންނަ ވަގުތުއެވެ. ސަޖިދައިގައި އޮވެ ކުރާ ދުޢާ ފަސޭހައިން އިޖާބަ ކުރައްވާނެއެވެ.

▪︎ ބަންގި އާއި ޤަމަތް ދިނުމާއި ދެމެދުގެ ވަގުތު (މަސްދަރު: އަހްމަދު، އަބޫ ދާވޫދް، ތިރްމިދީ)

މިއީ ގިނަ ބަޔަކަށް އެނގިފައިވާ ކަމެއް ނޫނެވެ. ނަމަވެސް ނަމާދަށް ބަންގި ގޮވުމަށްފަހު ޤަމަތް ދިނުމުގެ ކުރިން ކުރާ ދުޢާ ވެސް އެކަލާނގެ އިޖާބަ ކުރައްވައެވެ.

▪︎ ފަރްޟު ނަމާދަކަށްފަހު ކުރާ ދުޢާ (މަސްދަރު: ތިރްމިދީ)

ހުރިހާ މުސްލިމުންގެ މައްޗަށް ވެސް ކޮންމެ ދުވަހަކު ފަސް ނަމާދު ފަރްޟު ކުރައްވާފައިވެއެވެ. އެގޮތުން ކޮންމެ ފަރްޟު ނަމާދެއް އަދާ ކުރުމަށްފަހު، އެކަލާނގެ ޙަޟްރަތަށް ދަންނަވާ ދުޢާ ފަސޭހައިން އިޖާބަކުރައްވާނެ ކަމަށް ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅު ތަކުން ހާމަ ވެގެންވެއެވެ.

▪︎ ވާރޭ ވެހޭ ވަގުތު (މަސްދަރު: އަބޫ ދާވޫދް އަދި އިބްން މަޖާހް)

ވާރޭ ވެހޭ ވަގުތު ނަމާދުކޮށް އެކަލާނގެ ޙަޟްރަތަށް ދަންނަވާ ދުޢާ ވެސް ފަސޭހައިން އިޖާބަ ކުރައްވައެވެ. އެއީ ކަމަކަށް އެދި ދަންނަވަން އެންމެ ރަނގަޅު ވަގުތުތަކުގެ ތެރެއިން ހިމެނިގެންވާ ވަގުތެކެވެ.

▪︎ ދަތުރެެއްގެ މަތީގައި ކުރާ ދުޢާ (މަސްދަރު: ބޭޙަޤީ، ތިރްމިދީ، ސަޙީޙް އަލް ބުޚާރީ)

ދަތުރެއްގެ މަތީގައި ހުންނަ ދަތުރުވެރިޔާ ކުރާ ދުޢާ ވެސް އެކަލާނގެ އިޖާބަ ކުރައްވާނެ ކަމަށް ކީރިތި ޤުރްޢާނުންނާއި ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅު ތަކުން ހާމަވެފައިވެއެވެ.

▪︎ ރޯދަ ވީއްލާ ވަގުތު ކުރާ ދުޢާ (މަސްދަރު: ތިރްމިދީ)

ރޯދަ އަކީ އިސްލާމްދީނުގެ ފަސް ރުކުންތަކުގެ ތެރެއިން ހިމެނޭ ތިންވަނަ ރުކުނެވެ. އެހެންކަމުން އެކަލާނގެ ޙަޟްރަތައް ރޯދަ ހިފާ މީހުންނަށް ލިބޭ ސަވާބާއި ދަރުމަ ވެސް އެހާމެ ބޮޑެވެ. އަދި މުޅި ދުވަހު ރޯދައަށް ހުުރުމަށްފަހު ރޯދަ ވީއްލާ ވަގުތު، އެކަލާނގެ ޙަޟްރަތައް ދަންނަވާ ދުޢާ މާތް ﷲ އަޑުއައްސަވާ ވަރަށް ފަސޭހައިން އިޖާބަ ކުރައްވައެވެ.

▪︎ ރަސޫލާ (ޞޢޥ) އަށް ޞަލަވާތާއި ސަލާމް ދެންނެވުމަށްފަހު (މަސްދަރު: ބޭޙަޤީ، ތިރްމިދީ)

މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އާއި އެކަލޭގެފާނުގެ ޢާލު އަސްޙާބުންނަށް ގިނަގިނައިން ޞަލަވާތާއި ސަލާމް ދެންނެވުމަށް އަންގަވާފައިވާއިރު، އެކަލޭގެފާނަށް ޞަލަވާތް ދެންނެވުމަށް ފަހު ކުރާ ދުޢާ ވެސް އެކަލާނގެ އިޖާބަ ކުރައްވައެވެ.

▪︎ ޢަރަފާތު ދުވަހު (މަސްދަރު: ތިރްމިދީ)

ޢަރަފާތު ދުވަހަކީ ކޮންމެ ޛުލްޙިއްޖާ މަހެއްގެ ނުވަ ވަނަ ދުވަހެވެ. މިދުވަހަށް ޙައްޖު ދުވަހޭ ވެސް ކިޔައެވެ. ޢަރަފާތު ދުވަހު ކުރާ ދުޢާ ވެސް އެކަލާނގެ އިޖާބަ ކުރައްވާނެތެވެ.

▪︎ ބަލިމީހަކަށް ގޮވާލަންދާ ވަގުތު (މަސްދަރު: ތިރްމިދީ)
ބަލިމީހަކަށް ގޮވާލަން ގޮސް، އޭނާއަށް އަވަސް ޝިފާއެއް ދެއްވުން އެދި އޭނާގެ މައްޗަށް ކުރާ ދުޢާ ވެސް އެކަލާނގެ އިޖާބަ ކުރައްވައެވެ.

މިވަގުތުތަކުގެ އިތުރުން، އެބަޔަކު ކުރާ ދުޢާ ފަސޭޙައިން އިޖާބަ ކުރައްވާނެ ތިން ބަޔަކު ވެއެވެ. އެއީ ކުށެއްނެތި އަނިޔާ ލިބެމުންދާ މީހާ ދަންނަވާ ދުޢާ އާއި ދަރީންގެ މައްޗަށް މައިމީހާ ކުރާ ދުޢާ އާއި ދަތުރުވެރިން ދަތުރުމަތީގައި ތިބެ ކުރާ ދުއާއެވެ.

ދުޢާ ކުރުމާއިމެދު ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވަނީ އެކަލާނގެ ޙަޟްރަތައް ދުޢާ ދަންނަވާއިރު ނުހަނު ހަމަޖެހިގެން ތިބެ އަމިއްލަ ހިތާއި ނަފްސުން ދުޢާ ދެންނެވުމަށެވެ. އަދި މީގެ އިތުރުން ލޮލުން ކަރުނަ ފޫދާލުމާއިއެކު ދުޢާ ކުރުމަށާއި ތެދުވެރި ކަމާއިއެކު ދުޢާ ދެންނެވުމަށް އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

﴿60﴾ وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަ ކުރައްވާ ހުށީމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް (دعاء ކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ حال، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.
[ އަލް ޣާފިރް 60 ވަނަ އާޔަތް ]

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!