ދީން

ޢުމުރު ދިގުވާން އެދޭ މީހާ މި ޙަދީޘްފުޅަށް ޢަމަލު ކުރައްވާ!

ދެން އެމްވީ ، ދެން އޮންލައިން

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ "مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِي رِزْقِهِ، أَوْ يُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» " رواه البخاري
މާނައީ: "ރިޒްޤު ތަނަވަސްވުމަށް އެދޭ މީހާ އަދި އަޖަލު ފަސްވުމަށް އެދޭމީހާ ދަންނައެވެ. ފަހެ އެމީހެއްގެ ރަޙިމުގެ ގުޅުން ޤާއިމުކުރާ ހުށިކަމެވެ." މި ޙަދީޘްފުޅުގައިވާ އަޖަލު ފަސްވުމުގެ މާނައަކީ މަރުވުން ލަސްވުމެވެ. ޢުމުރު ދިގުވުމެވެ.

Ads by Sosun Fihaara

މިޙަދީޘްފުޅުން އެނގިގެން މިދަނީ ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ރިޒްޤް ތަނަވަސްވެ އެމީހާގެ ޢުމުރު ދިގުވާ ޢަމަލެއްކަމެވެ. ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ އުމުރު ދިގުވެ ރިޒްޤުގައި ބަރަކާތް ލެއްވޭ ކަމެއްކަން އެނގެން އޮތް ނަމަވެސް މިއަދު ގިނަބަޔަކަށް އެއީ މާމުހިންމު ކަމެއްކަމަށް އޮންނަނީ ނުވެފައެވެ. ތިމާގެ އާއިލާގެ އެހެން މީހަކާ މައްސަލަ ޖެހުނު ނަމަވެސް އެތައް ދުވަސްތަކެއް ވަންދެން ވާހަކަ ނުދައްކާ ތިބެނީ ކިތައް ބޭފުޅުންތޯއެވެ؟

އަޚާއަށް، އުޚުތަށް އެހީތެރިވާންވީ، ހަދިޔާއެއް ދިއްކޮށްލަންވީ އޭނާގެ ކިބައިގައި ތަނަވަސްކަން ނެތުމަކުން ނޫނެވެ. ޙާލުބަލައިލަންވީ އެކަންކުރާނެ އޭނާގެ ދަރިން ނެތުމަކުން ވެސް ނޫނެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމުން ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތައް ލިބިގަތުމަށެވެ. ދެދުނިޔޭގެ އުފަލާއި ބާއްޖަވެރިކަން ލިބިގަތުމަށެވެ. ﷲ ތަޢާލާގެ ރުއްސެވުން ލިބިިގަތުމަށެވެ. އަނެކާއަށް އެހީތެރިވުމުގެ ހެޔޮ ނިޔަތުގައި އެހީތެރި ވުމަށެވެ. އެއްވެސް ޙާލެއްގައި ދެއްކުންތެރި ގޮތެއްގައި ނޫނެވެ.

އަދި ކީއްހެއްޔެވެ؟ ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހަކު ދަތި ޙާލުގައި ވާނަމަ އޭނާގެ ބޭނުންތައް ފުއްދައިދެވެން އޮއްވައި، އެކަން ނުކޮށްދޭ މީހާ އެ ނަގައިލަނީ އޭނާއަށް ނިޢުމަތްތައް އިތުރުވާން އޮތް އެންމެ އަގުހުރި ފުރުޞަތެވެ. ﷲގެ ޙަޟްރަތުގައި ތިމާގެ ދަރަޖަ އުފުލެން އޮތް ފަހިމަގެވެ.

ޔާﷲ! އަޅަމެންނީ އަޅަމެންގެ ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތައި އަޅައިލާ ބައެއްކަމުގައި ލައްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!