އިންތިހާބު ނިމިގެން ހަފްތާއެއް ވެފައިވާއިރުވެސް، ޓްރަމްޕްގެ ދަރިކަލުން ގޮވާލަނީ ވޯޓުލާން!

މިމަހުގެ 3 ވަނަ ދުވަހު ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިހާބު ނިމުންފަހުން މިހާރު ހަފްތާއެއް ވެފައިވާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފިރިހެން ދަރިފުޅު އަދިވެސް ގޮވާލަނީ ވޯޓުލުމަށެވެ.
އެރިކް ޓްރަމްޕް މިއަދު ކުރި ޓްވީޓެއްގައި މިނެސޮޓާގެ ރައްޔިތުން ދެން ވެސް ގޭގައި ނުތިބެ އަވަހަށް ވޯޓުލާން ދިޔުމަށް ގޮވާލާފައިވާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ނަމަވެސް އެރިކް މިހާރު ވަނީ އެޓްވީޓު ޑިލީޓު ކޮށްލާފައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އެރިކް އެޓްވީޓު ޑިލީޓުކޮށްލި ނަމަވެސް، މީސް މީޑިއާގައި މިހާރު އަދިވެސް އޭގެ ފޮޓޯތައް ދައުރުވަމުން އެބަދެއެވެ.
ޓްރަމްޕްގެ ދަރި އެރިކް އަށް މިޓްވީޓު ކުރިއިރު، މިއީ އޭނާ އިންތިހާބު ބޭއްވި ދުވަހު ޝެޑިއުލް ކުރި ޓްވީޓެއް ކަމަށާއި ނަމަވެސް މާފަހުން އެ ޓްވީޓް ޑެލިވަރވީ ކަމަށް ވެސް ބުނެފައިވެެއެވެ.
މިއީ އެކަން ހިނގި ގޮތް ނަމަވެސް އެތައް ބަޔަކު ވަނީ އެރިކްގެ މިޓްވީޓާ ގުޅިގެން އޭނާ ޓްރޯލްކޮށް، މަލާމަތް ކޮށްފައެވެ.
ވޯޓުލާން ނިކުންނަން އެރިކް ގޮވާލާފައިވާއިރު، އެމެރިކާގެ ރިޔާސީ އިންތިހާބުން ޑިމޮކްރެޓް ގެ ކެންޑިޑޭޓް ޖޯ ބައިޑަން ވަނީ ކާމިޔާބު ހޯދާ، އިންތިހާބީ ރައީސް ކަމަށް ހޮވި ވަޑައިގެންފައެވެ.