ލައިފްސްޓައިލް

ކޮވިޑް-19: ހޮސްޕިޓަލުގައި 222 ދުވަސް، ގެޔަށް ދޫކޮށްލުމުން އުފަލުން ހުރީ ފޮޅިފައި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގައި އެންމެ ގިނަ ދުވަހު ކޮވިޑް ޖެހިފައި ހުރި މީހާ ބަލިން ރަނގަޅުވެ، ގެއަށް ދޫކޮށްލައިފިއެވެ.

Ads by MWSC

7 މަސް ދުވަސް ހޮސްޕިޓަލުގައި ހޭދަކުރުމަށް ފަހު ގެއަށް ދޫކޮށްލާފައި ވަނީ ޓެކްސީ ޑްރައިވަރެއް ކަމުގައި ވާ އަލީ ސަކައްލިއޮގްލޫ ކިޔާ މީހެކެވެ. 56 އަހަރުގެ އަލީ ވަނީ ކޮވިޑަށް ފަރުވާ ހޯދުމުގައި ހޮސްޕިޓަލުގައި 222 ދުވަސް ހޭދަ ކޮށްފައެވެ.

ކޮވިޑަށް ފައްސި ވުމަށްފަހު އަލީއަށް ވަނީ ސްޓްރޯކެއް، ހާޓް އެޓޭކެއް އަދި ފުއްޕާމޭގެ އިންފެކްޝަނެއްގެ އިތުރުން ބައެއް ގުނަވަންތައް ފެއިލްވުމުގެ މައްސަލަތަކާ ވެސް ކުރިމަތިލާފައެެވެ. ކޮވިޑް ހައި ރިސްކު ޕޭޝަންޓުންގެ ތެރޭގައި ހިމެނޭ އަލީ އަކީ ޓައިޕް 1 ހަކުރު ބަލި ވެސް ހުންނަ މީހެކެވެ،

މާޗު މަހު ކޮވިޑަށް ފައްސިވުމަށް ފަހު ޖެހުނު ހާޓް އެޓޭކްގެ ސަބަބުން އަލީ ވަނީ 3 މަސް ދުވަހު ކޯމާއެއްގައި އޮވެފައެވެ. އަދި ކޯމާއިން ހޭއެރުމާއެކު ނާސިން ހޯމް އަކަށް ބަދަލުކޮށް އެތަނުގައި ލިބުނު ފަރުވާ އާއެކު އަލީ ވަނީ އަލުން ހިނގަން ފަށާފައެވެ.

އަލީ ބުނި ގޮތުގައި އޭނާގެ ބަލި ހާލަތު ހުރި ގޮތުން އެތައް ފަހަރަކު އޭނާ މަރުވެދާނެ ކަމަށް ހީކުރެވުނެވެ. އޭނާ މަރުވެދާނޭ އާއިލާ ގާތު ޑޮކްޓަރުން ވެސް ތިން ފަހަރު ބުނެފައިވެއެވެ.

ނަމަވެސް މިއަދު އަލީ ހުރީ ބަލިތަކުން ޝިފާ ހޯދައި އެނބުރި ގޭގައެވެ. އަލީ ބުނި ގޮތުގައި އޭނާގެ އުންމީދަކީ އެނބުރި ޓެކްސީ ޑްރައިވަރުގެ ވަޒީފާއަށް ދިއުމެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!