އެސްޑީއެފްސީގެ ލޯނުތަކަށް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅަން އަންގައިފި

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ލޯނުތަކަށް ހުށަހަޅާ ފޯމުތައް ކައުންޓަރުންނާއި، އީމެއިލް މެދުވެރިކޮށް ބަލައިގަތުން ހުއްޓާލާ، އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން އަންގައިފިއެވެ.
އެސްޑީއެފްސީން ބުނެފައިވަނީ އޮންލައިން ޕޯޓަލް މެދުވެރިކޮށް މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ފޯމުތައް ބަލައިގަންނަމުން އަންނަ ކަމަށެވެ.
އެގޮތުން އެސްޑީއެފްސީގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި އީފާސް އެކައުންޓެއް ބޭނުންވާނެ ކަމަށާއި އީފާސް އަކީ ސަރުކާރު މުއައްސަސާތަކުން އޮންލައިންކޮށް ހިދުމަތް ހޯދުމަށް ބޭނުންކުރާ އެކައުންޓެއް ކަމަށް ވެސް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.
އީފާސް އެކައުންޓް ހުޅުވޭނީ އައިޑީކާޑުގެ ތަފްސީލު، މޯބައިލް ނަމްބަރު އަދި އީމެއިލް އެޑްރެސް ބޭނުން ކޮށްގެންނެވެ. އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ކުރިއަށްދާ ގޮތުގެ ސްޓޭޓަސް ވެސް ބަލާލެވޭނެއެވެ.