ރިޕޯޓް

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރާންވީ ގޮތް

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ، ދެން އޮންލައިން

ތާރީޚުން ސާބިތުވާ ގޮތުގައި ދިވެހިރާއްޖެ އުފެދުނީއްސުރެ ﷲ ފިޔަވައި ނުޙައްޤު އިލާހުންނަށް އަޅުކަން ކުރަމުން އަދި ދިވެހި ރައްޔިތުންނަށް އިސްލާމް ދީނުގެ ހިދާޔަތުގެ ރަޙުމަތް މާތް ﷲގެ ދީލަތިކަމުން މިންވަރު ކޮށްދެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހު 2 ގައެވެ. ނުވަތަ އެ މަހުގެ ތެރޭގައެވެ. ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ދިވެހި ދައުލަތުން މި ދުވަސް ފާހަގަކުރައްވާން އެންމެ ފުރަތަމަ ފެއްޓެވީ ހިޖުރައިން 1374 ވަނަ އަހަރުގައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔަތު އިންޤިލާބަކުން ބަދަލުކޮށްލި ފަހުން އައި ދުވަސްވަރެވެ. ދެވަނަ ޖުމުހޫރިއްޔަތެއް ޤާއިމު ކުރެވެންދެން މިކަން ދެމިގެން އައެވެ. މި ގޮތުގެ މަތީން ނުވަތަ ބައެއް ބަދަލުތަކާއެކު ނަމަވެސް 14 ވަރަކަށް އަހަރު ވަންދެން މި ދުވަސް ފާހަގަކުރުމަށްފަހު، މި ދުވަސް ފާހަގަކުރުން ހުއްޓައިލެވުނެވެ. ސަބަބެއް ނޭނގެއެވެ. އަލުން މި ދުވަސް ފާހަގަކުރައްވާން ފެއްޓެވީ ދެވަނަ ޖުމްހޫރިއްޔަތުގެ ދެވަނަ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޒަޢާމަތުގައި މީލާދީން 2000 ވަނަ އަހަރުން ފެށިގެންނެވެ.

Ads by STELCO

މިއަދަކީ ތިން ދުވަހެވެ. ނުވަތަ ހަތަރު ދުވަހެވެ. މިހެން މި ދެންވީ އޮޅިގެންނެއް ނޫނެވެ. އެއީ އޮޅިގެން ދަންނަވައިލި ވާހަކައެއް ނޫނެވެ. މިއަދަކީ 1374 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ދިވެހީން ފާހަގަކުރަމުންއައި "ރާއްޖެ އިސްލާމްވީ ދުވަސް" ކަމަށްވާ އިރު، މިއަދަކީ "ބައިނަލްއަޤުވާމީ ކިޔަވާ ކުދީންގެ ދުވަސް" ވެސް މެއެވެ. އަދި ހަމަ އެފަދައިން މިއަދަކީ "ދިވެހި ޒުވާނުންގެ ދުވަސް" ކަމަށް ކަލަންޑަރުގައި ކަނޑައަޅައިފައިވާ ދުވަސް ވެސް މެއެވެ. ދާދިފަހުން މި ދިޔަ އޮކްޓޯބަރު މަހު 22 ގައި "ޒުވާނުންގެ ޤައުމީ ދުވަސް"ގެ ގޮތުގައި ފާހަގަ ކުރިކަން ދެނެހުރީމެވެ. ނަމަވެސް ކަލަންޑަރު ބުނަނީ އެއީ "ދުނިޔޭގެ ހަކަތައިގެ ދުވަސް" ކަމުގައެވެ. ކޮންމެއަކަސް މިއީ މުހިންމު ވާހަކައެއް ނޫނެވެ. ދެން އޮތް ދުވަހުގެ ވާހަކަ ފަހުން ދަންނަވާނަމެވެ.

މި ފަދަ މުހިންމު ދުވަހެއް ނުވަތަ ދުވަސްތަކެއް ފާހަގަކުރާ މިއަދު ރާއްޖޭގެ އެންމެނަށް ވެސް މިއީ ފިސާރި "ދުވަހެއް"ކަން އެނގޭންޖެހޭނެތާއެވެ. ނަމަވެސް މިއަދު ސަރުކާރު އޮފީސްތައް ބަންދުވުން ފިޔަވައި ޢާންމުންނަށް ފާހަގަވާ ފަދަ ކަމެއް ހިނގިކަމެއް ހަމަ ގައިމު ވެސް އަޅުގަނޑަކަށް ނުފެނުނެވެ. އުތުރު ކަރައިގެ ދީވާލީ ފާހަގަކުރާން ވެސް ކާވެނި ޕާޓީއަކާ މަތިކޮށްފައި ނަމަވެސް ރާއްޖޭގައި ހަވާ ވެސް އެރުވިތާއެވެ. އަދި އުތުރު ރަށެއްގައި ތިބި އުތުރުކަރައިގެ އިތުރު ބަޔަކު ވެސް އިތުރަށް މި ދުވަސް އަތުރުކޮށް ނަމަވެސް ފާހަގަކުރިތާއެވެ. ދިވެހީންނަށް މިވަރު ވެސް ނުވީތާއެވެ. ހަތަރު ދުވަސް އެކުއެކީގައި ލައިގަތީމާ ވެސް އެނގުމެއް ނުވިއެވެ. ހަތަރުވަނަ ދުވަހުގެ މަތީން ބަޔަކު ހަނދާންހުއްޓެވެ. ނަމަވެސް އިސްވެ ދެންނެވުނު ތިން ދުވަހަކީ ވެސް ވަރަށް މުހިންމު ކަމަކާ ގުޅިގެން ފާހަގަކުރާ މުނާސަބަތެކެވެ. އަނެއް ދުވަހަކީ މިއަދަށް މުހިންމު ތާރީޚީ ދުވަހެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދިވެހި ދައުލަތުގެ ޒަޢާމަތާ ޙަވާލުވިތާ ދެއަހަރު ފުރުނު ދުވަހެވެ. ވޭތުވެ ދިޔަ ދެ އަހަރު ދިވެހި ޤައުމަށް ލިބުނު ނަމަ ލިބިފައިވާ ކުރިއެރުމާއި ލިބުނުނަމަ ލިބުނު ގެއްލުމާ މެދު ވާހަކަދައްކާނީ ތިޔަ ބޭފުޅުންނެވެ. އެ ވާހަކަ އަޅުގަނޑު ދައްކާކަށް ނެތީމެވެ.

މިއަދަކީ ދިވެހީން އިސްލާމްދީން ޤަބޫލުކުރިތާ 894 ފުރުނު ދުވަހެވެ. މި މުނާސަބަތުގައި ދިވެހިރާއްޖޭގެ މުސްލިމް އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ. މިއަދު އަޅުގަނޑުމެން ފާހަގަކުރާއިރު ހަނދާންކުރާންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

އާދޭހެވެ! މިއަދަކީ ދިވެހީން އެންމެ ބޮޑަށް ފާހަގަކުރާންޖެހޭ ދުވަހެވެ. އެހެނީ އިސްލާމީ ހިދާޔަތަށްވުރެ މަތިވެތި ބޮޑު ނިޢުމަތެއް އެއްވެސް އިންސާނަކަށް ނުލިބޭނެއެވެ. އެހެންވީމާ ޤައުމުގެ ހުރިހާ ރައްޔިތުންނަށް މި މަތިވެރި ހިދާޔަތު ލިބުމަކީ ފާހަގަކުރާންޖެހޭނެ ކަމެކެވެ. މި ދުވަސް ފާހަގަކުރުމަށްޓަކައި ކުރާންޖެހޭނެ ކަމަކީ ﷲއަށް ޝުކުރުވެރިވުމެވެ. އެކަލާނގެއަށް ކުރާ އަޅުކަން އިތުރުކުރުމެވެ. މުންކަރާތްތަކާ ދުރުވުމެވެ. އިސްލާމްދީނާ އިދިކޮޅަށް މި ރާއްޖޭގައި ހިންގޭ ޙަރަކާތްތައް މުލުން ލުހެލުމެވެ. މުނާފިޤުން ދެނެގަނެ، އެ މީހުންގެ ފިތުނައިން ޤައުމު ސަލާމަތްކުރުމެވެ. މިއަދު ދިވެހި އިސްލާމީ މުޖުތަމަޢަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވެސް ދީނަށް  ލޯބިކުރާ މީހުންނަށް ހެދިގެން އުޅޭ މުނާފިޤުންގެ މައްސަލައެވެ. މި ކަންކަމަށްޓަކައި މުޅި ޤައުމު ތެދުވާން އެބަޖެހެއެވެ. އެހެނީ އިސްލާމީ ވަޙުދަތަކީ ދިވެހި ޤައުމިއްޔަތުގެ މައި ތަނބެވެ. އެ ތަނބަށް ގުޑުން އަރައިފި ނަމަ މުޅި ޤައުމިއްޔަތު ފުނޑުފުނޑުވެދާނެއެވެ.

އިސްލާމީ ޤައުމެއްގައި ވެރިކަމެއް އޮތުމުގެ އެންމެ މުހިންމު ބޭނުމަކީ އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުމެވެ. އެހެނީ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَوَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ (އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائمކޮށް، زكاةދީ، ހެޔޮކަންތަކަށް أمرކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّهއަށެވެ.") (سورة الحجّ:41) މިކަން ނުކުރާނަމަ، އެ ވެރީންނަކީ މުއުމިނުންކަމުގައި ނުވާނެކަން މި އާޔަތުގެ ކުރީގެ އާޔަތްތަކުން ދޭހަވެއެވެ. އަދި މި އާޔަތުގެ ކުރީގެ 40 ވަނަ އާޔަތް ނިންމަވައިލައްވަމުން ވަޙީކުރައްވައިފައިވާ ބަސްފުޅުގައި އަންގަވައިފައިވަނީ"ހަމަކަށަވަރުން، اللَّهއަށް نصرދޭ މީހަކަށް، އެކަލާނގެ نصرދެއްވާނެކަން ކަށަވަރު" ކަމަށާއި "ހަމަކަށަވަރުން، اللَّهއީ،ބާރުވެރިވަންތަ، عزيزވަންތަ ރަސްކަލާނގެކަން ކަށަވަރު" ކަމަށެވެ.

ﷲއަށް ނަޞްރު ދިނުމަކީ އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވުމެވެ. މީގެ ތެރެއިން އެންމެ މުހިންމު އަމުރުފުޅަކީ ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމެވެ. މި ކަން ވެރީންނާ ޒިންމާކުރެވިފައިވާއިރު ވަކި މީހަކު އިސްތިސްނާ ނުވާ ގޮތުގެ މަތީން ހަމަ ހުރިހާ މުސްލިމުންގެ ކޮނޑުގައިވެސް މި ޒިންމާ އެކި މިންވަރަށް ވަނީ އެޅިފައެވެ. މާތް ﷲ ވަނީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތައް (މުންކަރާތް) މަނާކުރާ ބަޔަކު ތިޔަބައި މީހުންގެ ތެރެއިން ވާށޭ އަންގަވައިފައެވެ. ވަކި މީހަކު އިސްތިސްނާ ނުވާ ގޮތުގެ މަތީންނެވެ. އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން މި ކަން ކުރާން މަޖުބޫރެވެ. އަޅުގަނޑު މި އަދާކުރަނީ އެ މަސްއޫލިއްޔަތެވެ. އެ ކަލާނގެ ވަޙީކުރައްވައިފައިވެއެވެ. " وَلْتَكُن مِّنكُمْأُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُوْلَـئِكَهُمُ الْمُفْلِحُونَ" ("ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.") (سورة آلعمران:104)

މިއަދު "ރާއްޖެ އިސްލާމްވީ ދުވަސް" ފާހަގަކުރާއިރު، އަޅުގަނޑުމެންނާ މަތިކޮށްފައިވާ ވާޖިބާމެދު ސަމާލުކަންދެވެނީ ކިހާ މިންވަރަކަށްތޯ ވިސްނައިލެވެނީ ކިތައް މީހުންނަށް ބާވައެވެ! ވަކި މީހަކު އިސްތިސްނާ ނުކުރައްވައި، މުންކަރާތްތައް މަނާކުރާން ﷲ ކުރައްވައިފައިވާ އަމުރުފުޅު އަޅުގަނޑުމެން ތަންފީޒުކުރަނީ ކިހާ މިންވަރަކަށްތޯއެވެ! ކޮންމެ މީހަކު ވެސް އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އެ ވާޖިބު އަދާކުރެވޭތޯ އުޅެނީ ކިތައް މީހުންތޯއެވެ!

أبي سعيد الخدري (رضي الله عنه) ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘެއްގައިވެއެވެ. "من رأى منكم منكرا فليغيره بيده ، فإن لميستطع فبلسانه ، فإن لم يستطع فبقلبه ، وذلك أضعف الإيمان " (ތިޔަބައިމީހުންގެތެރެއިން މުންކަރާތެއް ފެނިއްޖެ ނަމަ ފަހެ ތިޔަބައިމީހުންގެ އަތުން އެކަން ހުއްޓުވާށެވެ. އެކަން ކުރާންކުޅަދާނަނުވެއްޖެ ނަމަ، އޭނާގެ ދުލުންނެވެ. ފަހެ ދުލުން އެކަން ކުރާންކުޅަދާނަ ނުވާނަމަ ފަހެ އޭނާގެ ހިތުންނެވެ."(رواه مسلم). މާނައަކީ އެ މީހަކަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން އެކަންކުރުމަކީ ވަޖިބުކަމެކޭއެވެ. އެއީ ޤާނޫނީ ގޮތުން ނުވަތަ ޖިސްމާނީ ބާރުގެ ގޮތުން ނުވަތަ ބަސްމޮށުމާއި ލިޔުންތެރިކަމުގެ ގޮތުން ލިބިފައިވާ ކުޅަދާނަކަމެއް ކަމަށް ވިނަމަވެސް ވެހެވެ.  އެހެންވީ އިރު މިކަމުން އިސްތިސްނާވާ ވަކި އެކަކު ވެސް އެބަ ވޭތޯއެވެ!

މިއަދު ކައު ރަސޫލާ މުޙައްމަދު رسول الله (صلى الله عليه وسلم)އަށް ފުރައްސާރަކުރާ ރަސްމީ ޖަމްޢިއްޔާތައް ޙަރަކާތްތެރިވާއިރު، އަދި އެކި ޤައުމުތަކުގެ ރައީސުން އެ ކަން ކުރާއިރު އެ ކަން މަނާކުރަނީ މި މުސްލިމު އުންމަތުގެ ކިތައް މީހުންތޯއެވެ؟ ދައުލަތުގެ އެންމެ މަތީން ފެށިގެން އަޅުގަނޑުމެން ފަދަ އެންމެ އާދައިގެ މީހާއާ ހަމައަށް ވިސްނައިލުމުން ރަސޫލާ(صلى الله عليه وسلم)ގެ ދިފާޢުގައި ބަސްބުނަނީ ކާކުތޯއެވެ؟ ފެންނަ މަންޒަރަކީ "ރަސޫލާ(صلى الله عليه وسلم)ގެ ދިފާޢުގައި" ފަދަ މައުޟޫޢުތަކަށް މީހުން ހޭލުންތެރިކުރާން މަސައްކަތްކުރާން މަދު ބަޔަކު މަސައްކަތްކުރިޔަސް "މައުޟޫޢު ބަދަލުކުރާން" އަންގައި އަތުން ބާރު ލިބިފައިވާ ފަރާތްތަކުން، ރަސޫލާ ދިފާޢުކުރުން މަނާކުރެވޭ ތަނެވެ. ރަސޫލާއަށް މަލާމަތްކޮށް އިސްލާމް ދީނަށް ތައުހީނުކުރާ މީހުންނާ ދެކޮޅަށް އެއްޗެކޭ ބުނާ މީހަކާ މެދު ތަފާތު އިލްޒާމުތައް އަޅުވައި ދަޢުވާކޮށް އަދަބު ދެވޭ ތަނެވެ. މުސްލިމުންނޭ ކިޔައިގެން އިސްލާމް ދީން ޙިމާޔަތްކުރުމުގެ ނަމުގައި ތިބޭ މީހުން ލަދުވެތި ނުވޭތޯއެވެ!ރަސޫލާ(صلى الله عليه وسلم)އަށް ފުރައްސާރަކުރާ މީހުންނަށް ޙިމާޔަތާއި ޢިނާޔަތް ދޭ މީހުން ފަހެ ބިރުވެތި ނުވަނީތޯއެވެ! ﷲގެ ޙަޟުރަތަށް ދާން ނުޖެހޭނެކަމަށް ފަހެ އެ ފަދަ މީހުން ހީކުރަނީބާވައެވެ. ހަމ ހިލާ އެހެންނެއް ނުވާނެއެވެ. ރަސޫލާއާ ބެހޭ ގޮތުން ރަސޫލާއަށް ލޯބިކުރުމާ މެދު މާތް ﷲ އަންގަވައިފައިވަނީ ކީކޭތޯއެވެ! އަޑުއައްސަވާށެވެ!މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "قُلْ إِن كُنتُمْ تُحِبُّونَ اللّهَ فَاتَّبِعُونِييُحْبِبْكُمُ اللّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللّهُ غَفُورٌ رَّحِيمٌ" ("ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން، اللَّهއަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް تبعވާށެވެ! އޭރުން، اللَّه، ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި، ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ. اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، رحيمވަންތަރަސްކަލާނގެއެވެ.") (سورة آل عمران:31) . އެހެންވީމާ ﷲގެ ރުހިވޮޑިގަމުމާއި އާޚިރަތުގެ ބާއްޖަވެރިކަމާ މެދު ޚިޔާލުކުރާ ކޮންމެ މީހަކުމެ ރަސޫލާގެ ދިފާޢުގައި ބަސްބުނާންޖެހެއެވެ.

އަޅުގަނޑުމެން މިއަދު ރާއްޖެ އިސްލާމްވީ ދުވަސް ފަޚުރުވެރިކަމާއެކު ފާހަގަކުރާއިރު މި ކަންކަމާމެދު ވިސްނައިލަނީ ކިތައް މީހުންތޯއެވެ! އަޅުގަނޑުމެންނަކީ މުސްލިމުންނޭ ބުނެލައިގެން ސަލާމަތްވާކަށް ނެތެވެ. އަޅުގަނޑުމެން ހެޔޮ އުންމަތެއްގެ ގޮތުގައި ﷲ ލެއްވީ ޝަރުޠުތަކެއްގެ މަތީންނެވެ. ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުން ޝަރުޠުކުރައްވައިފައެވެ. މިކަން ނުކުރާނަމަ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ވާހުށީ ފާސިޤުންކަމުގައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِوَتُؤْمِنُونَ بِاللّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم مِّنْهُمُ الْمُؤْمِنُونَوَأَكْثَرُهُمُ الْفَاسِقُونَ" ("މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّةކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمرކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّهއަށް إيمانވަމުއެވެ. ފޮތުގެ أهلވެރިން إيمانވީނަމަ، އެއުރެންނަށް އެ ގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمانވެގެންތިބި މީހުންވެއެވެ. އަދި، އޭގެ ތެރެއިން ގިނަ މީހުންނީ فاسقންނެވެ.") (سورة آل عمران:110)

ވީމާ، އަޅުގަނޑުމެންނަށް މާތް ﷲ ދެއްވި އެންމެ ބޮޑު ނިޢުމަތް މިންވަރުކުރެއްވި މި ދުވަސް (ރާއްޖެ އިސްލާމްވީ ދުވަސް) ފާހަގަކުރަމުންދާއިރު، މި ކަންކަމާމެދު ވިސްނައި ހެޔޮ މަގަށް ރުޖޫޢަވާން އަވަސްވަމާތޯއެވެ! ވަކި މީހަކު އިސްތިސްނާ ނުވާ ގޮތުގެ މަތީންނެވެ. ސަރުކާރާއި ރައްޔިތުންނެވެ. އެންމެންނެވެ. ދިންނަވައި ނަސީބު ލިބޭނޭ ހަމައެކަނި މަގަކީ މިއީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!