ނިއުޒިލެންޑްގެ ފުލުހުންގެ ޔުނީފޯރމަށް ބުރުގާ އިތުރު ކޮށްފި، މުސްލިމުން އުފަލުން ފޮޅިފައި
ނިއުޒިލޭންޑުގެ ފުލުހުންގެ ޔުނީފޯރމަށް ބުރުގާ އިތުރުކޮށް މުސްލިމް ކަނބަލުންނަށް ބުރުގާ އެޅޭނެ އިންތިޒާމް ހަމަ ޖައްސައިފިއެވެ.
މި ނިންމުމަކީ އެގައުމުގެ ފުލުހަށް މުސްލިމުން ވަނުމަށް ހިތްވަރު ދިނުމުގެ ގޮތުން އެގައުމުގެ ސަރުކާރުން ނިންމި ނިންމުމެކެވެ.
ނިއުޒިލޭންޑްގެ ފުލުހުންގެ ޔުނީފޯމަށް ވަކިން ހާއްސަ ޑިޒައިނަކާއެކު ތައާރަފް ކުރި ބުރުގާ އެންމެ ފުރަތަމަ އެޅުމުގެ ނަސީބު ލިބުނީ ޕޮލިސް ކޮންސްޓެބަލް ޒީނާ އަލީ އަށެވެ. އެފުރުސަތު ލިބުނީތީ އޭނާ ހުރީ ވަރަށް ބޮޑަށް ފަހުރުވެރިވެފައެވެ. އަދި މުސްލިމުން ތަމްސީލު ކުރުމުގެ ފުރުސަތު ލިބުމުން ނުހަނު އުފާ ވެސް ވެފައެވެ.
ޒީނާ ފުލުހަށް ވަނުމަށް ނިންމީ މިދިޔަ އަހަރު ނިއުޒިލޭންޑްގައި ހިނގައިިދިޔަ ހިތާމަވެރި ހާދިސާއެއްގެ ސަބަބުންނެވެ. އޭނާ ފުލުހަށް ވަންނަން ނިންމީ ވެސް މުސްލިމުންގެ ހައްގުގައެވެ. މިދިޔަ އަހަރު މުސްލިމުން ނަމާދު ކުރަމުންދިޔަ 2 މިސްކިތަކަށް ޓެރަރިސްޓު ހަމަލާތަކެއް ނިއުޒިލޭންޑްގައި ވަނީ ދީފައެވެ. އެ ދެ ހަމަލާގައި 51 މީހަކު ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ.
ނިއުޒިލޭންޑުގެ ފުލުހުންގެ ޔުނީފޯމަށް ބުރުގާ ތައާރަފް ކުރުމުގައި ވެސް ޒީނާ ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ބުރުގާގެ ޑިޒައިން ހެދުމުގައި ވެސް އޭނާ ވަނީ އަމަލީ ގޮތުން ބައިވެރި ވެފައެވެ.
ޒީނާ ބޭނުން ވަނީ އިތުރު މުސްލިމް އަންހެނުން ފުލުހަށް ވަނުމަށް ހިތްވަރު ދިނުމެވެ. އަދި އެކަމުގައި އޭނާ އެހެން މީހުންނަށް އެހީތެރިވާން ބޭނުންވެއެވެ.
ނިއުޒިލޭންޑުގެ ފުލުހުންގެ ޔުނީފޯމަށް ބުރުގާ އިތުރު ކޮށްފައިވާއިރު މިކަމާ އެ ގައުމުގެ ގިނަ މުސްލިމުން ވަނީ އުފާ ފާޅުކޮށްފައެވެ.