ލައިފްސްޓައިލް

"ލޯބިވާ ދަރިފުޅާއެވެ. މިއަދު ދަރިފުޅަށް މަންމަ މުހިންމެއް ނުވިއެވެ."

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ލޯބިވާ ދަރިފުޅާއެވެ.

މީގެ އަހަރުތަކެއް ކުރިން މަންމައަށް އުފާވެރި ޚަބަރެއް ލިބުނެވެ. އެއީ މަންމަ މަޔަކަށް ވާން އުޅޭ ކަމުގެ އުފާވެރި ޚަބަރެވެ. މަންމަގެ ބަނޑުގައި ދަރިފުޅު އުފެދިއްޖެކަމުގެ އުފާވެރި ޚަބަރެވެ.

މަންމަގެ ލޯބިވާ ދަރިފުޅާއެވެ. އެދުވަހު މަންމަ އުފާވިވަރު ބަޔާން ކޮށްދޭންވެސް ނޭނގެއެވެ. އޭގެ ފަހުން ހަފްތާތައް ވޭތުވަމުން ދިޔައެވެ. މަންމަގެ ހަށިގަނޑަށް ބަދަލުތަކެއް ވެސް އަންނަން ފެށިއެވެ. މަންމަ ބިރު ގަންނަން ފެށިއެވެ. އެދުވަސްކޮޅު މަންމައަކަށް ނުވެސް ކެވެއެވެ. ކެއި ކޮންމެ އެއްޗެއްވެސް ދަނީ ހޮޑަށެވެ. އަދި މަންމަގެ ގައިން ވަރު ދޫވާން ވެސް ފެށިއެވެ.

މަންމަގެ ބަނޑުގައި އޮވެ ދަރިފުޅު ބޮޑުވާން ފެށުމުން، މަންމަގެ ހަށިގަނޑަށް ވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. ދަރިފުޅާއެވެ. އެހުރިހާ ބިރަކާއެކު ވެސް، ދުވަހުން ދުވަހަކަށް ދަރިފުޅުދެކެ މަންމަ ވީ ލޯބި ދިޔައީ އިތުރުވަމުންނެވެ. މިހުރިހާ ކަމެއް މަންމައަށް ތަޙައްމަލު ކުރަން ޖެހުނު ކަމުގައި ވިޔަސް، ދަރިފުޅު އެއިރުވެސް ވެގެން ދިޔައީ މަންމަގެ ދެލޮލުގެ ކޮއެ ކަމުގައެވެ.

ހަފްތާތައް މަސްތަކަށް ބަދަލުވެގެން ދިޔައެވެ. ދަރިފުޅު ބޮޑުވަމުން ދިޔަ ވަރަކަށް މަންމައަށް އައި ބަދަލުތައް ވެސް ދިޔައީ އިތުރު ވަމުންނެވެ. މަންމައަށް ގިނައިރު ވަންދެން ކޮޅަކަށް ނުހުރެވެއެވެ. އަދި ދުރުތާކަށް ނުވެސް ހިނގެއެވެ. ބައެއް ފަހަރު މަންމަގެ ބަނޑުގެ ރިހުން ގަދަވެގެން ގޮސް ބުރަކަށީގައާއި މޭގައިވެސް ރިއްސައެވެ. ނަމަވެސް މަންމަގެ ބަނޑުގައި ދަރިފުޅު އުފެދިފައިވާތީ ލިބުނު އުފަލާއި އަޅާބަލާފައި އެވޭންތަކަކީ މަންމައަށް އެއްވެސް އެއްޗެއް ނޫނެވެ.

މަންމަ އެންމެ ބޮޑަށް ހާސްވި ކަމަކީ މަންމައަށް އޮވެވޭ ގޮތަކުން ވިޔަސް، ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީ އެވެ.

ދަރިފުޅާއެވެ. މިދުނިޔެއަށް ދަރިފުޅު އުފަންކުރުމަށް މަންމަ އުފުލަން ޖެހުނު ވޭނަކީ އަދި ދުވަހަކުވެސް މަންމައަށް އުފުލަން ޖެހުނު ވޭނެއް ނޫނެވެ. މަންމަ އަށް ހީވީ މަންމަ މިދުނިޔެއާއި ވަކިވަނީ ހެންނެވެ.

އެވޭނުގައި އޮތް އިރުވެސް މަންމަ ކުރަމުން ދިޔަ ދުޢާ އަކީ، ހެޔޮ ޙާލުގައި ދަރިފުޅު މިދުނިޔެއަށް އުފަން ކުރުުވުމެވެ. އެވޭނުގައި ވެސް މަންމަ ދަރިފުޅު ދެކެ ރުޅިއެއް ނާންނަމެވެ. އަދި މަންމައަށް އެފަދަ ވޭނެއް ދިނީތީ ދަރިފުޅުގެ ކިބައިން ބަދަލު ހިފާނަމޭ ވެސް މަންމަގެ ހިތަކަށް ނާރައެވެ. މަންމަގެ ހިތުގައި ދަރިފުޅަށްޓަކައި އޮތް ލޯބި ދިޔައީ ބޮޑުވަމުންނެވެ.

ދަރިފުޅު އުފަންވެ، މަންމަގެ އުނގުގައި އެންމެ ފުރަތަމަ އޮތް ދުވަސް، ވެގެން ދިޔައީ މަންމަ ގެ މުޅި ޙަޔާތުގައި ވެސް އެންމެ އުފާވެރި ދުވަސް ކަމުގައެވެ. ދަރިފުޅަށް ބަލާލާފައި އޭގެ އިރުކޮޅެއް ކުރިން މަންމަ އުފުލި ހުރިހާ ވޭނެއް ހިތުން ފިލައިގެން ދިޔައެވެ. މަންމަގެ ލޮލުން ފޫދުނީ އުފާވެރިކަމުގެ ކަރުނައެވެ. މަންމައަށް ދަރިފުޅު ދެއްވީތީ އެކަލާނގެ ޙަޟްރަތަށް ޙަމްދު ކުރީމެވެ.

ދަރިފުޅާއެވެ. އެހިސާބުން ނިމުނީކީ ނޫނެވެ. ދަރިފުޅު ބަލާބޮޑު ކުރުމަށްޓަކައި އެތަކެއް ރެއެއްގެ ނިދި މަންމަ ނަގާލީމެވެ. ކީއްވެ ހެއްޔެވެ؟ އެއީ ދަރިފުޅު ރޯއަޑު އަހަން މަންމައަށް ކެތް ނުވުމުންނެވެ. މަންމަ ބޭނުންވީ ދަރިފުޅު ނުރޮއެ އަބަދުވެސް އުފަލުގައި ހުންނާށެވެ. އެހެންކަމުން ދަރިފުޅަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން ޚިދުމަތުގައި މަންމަ ހުރީމެވެ. މުޅި ދުވަސް އެއްކޮށް ދަރިފުޅު ބެލުމަށް ހޭދަ ކުރުމަށްފަހު، ރޭގަނޑު ކިތަންމެ ވަރަކަށް މަންމަ ވަރުބަލިވި ކަމުގައި ވިޔަސް، ދަރިފުޅު އެންމެ އަޑެއް ގޮއްވާލިޔަސް މަންމައަށް ހޭލެވެއެވެ.

ރީތިވެގެންވާހާ އަންނައުނު މަންމަ ދަރިފުޅުގެ ލެއްވީމެވެ. ދަރިފުޅަށް ކިރުދޭންވީ ވަގުތު ޖެހުމުން ނުވަތަ ކާން ދޭންވީ ވަގުތު ޖެހުމުން، ފަސް ޖެހުމެއް ނެތި މަންމަ ދަރިފުޅަށް އެހުރިހާ ކަމެއް ގަޑިން ގަޑިއަށް ބަރާބަރަށް ކޮށްދިނީމެވެ. އެއްވެސް ވަރަކަށް ފޫހިވުމެއް ނެތިއެވެ.

ދަރިފުޅު ބޮޑުވަމުން އައި ވަރަކަށް މަންމަ ދަރިފުޅަށް ނޭނގޭ އެއްޗެހި އުނގަންނައި ދިނީމެވެ. ކަންކަމާ ދަރިފުޅު ސުވާލު ކުރުމުން، އެއީ ކިތަންމެ ގިނަ ސުވާލުތަކެއް ކަމުގައި ވިޔަސް، އެސުވާލުތަކަށް ޖަވާބު ދިނީމެވެ. ދަރިފުޅާއެވެ. އެސުވާލުތަކުން މަންމަގެ ބޮލަކަށް އުނދަގުލެއް ނުވެއެވެ.

ދަރިފުޅަށް ތައުލީމު އުނގަންނައި ދިނީމެވެ. އެންމެ ފުރަތަމަ ދަރިފުޅު ސްކޫލަށް ދިޔަ ދުވަސް އަދިވެސް މަންމަ ހަނދާން އެބަހުއްޓެވެ. އެދުވަހު ދަރިފުޅު ވަރަށް ރުޔެވެ. މަންމަ ވެސް ރުއީމެވެ. ނަމަވެސް ސްކޫލުގައި ދަރިފުޅު ބަހައްޓާފައި މަންމަ ނިކުތީ، އެއީ ތަޢުލީމު އުނގެނުމަކީ ދަރިފުޅަށް ފައިދާ ކުރާނެ ކަމަކަށް ވާތީއެވެ.

މިއަދު ދަރިފުޅު މީހަކަށް ހެދުމުގައި އެންމެ އިސް ރޯލެއް އަދާކުރީ ހަމަ ދަރިފުޅުގެ މިމަންމައެވެ. ދަރިފުޅު ބޮޑު ވެގެން މީހަކާއި ކައިވެނި ކުރި ދުވަސް އެއީ މިމަންމަ އެންމެ އުފާވި ދުވަހެވެ. އަދި އެންމެ ދެރަވެސް ވިދުވަހެވެ. އެއީ ދަރިފުޅަށްޓަކައި ފަހުން މަންމަ ކޮށްދެމުން ދިޔަ ކަންތައްތައް އެހެން މީހަކު ދެން ކޮށްދޭނެތީއެވެ.

މިއަދު ދަރިފުޅަށް މަންމަ އެއްވެސް ވަރަކަށް މުހިންމެއް ނުވިއެވެ. މަންމައަށް ކާންދޭ ދަރިފުޅަށް ބޮޑު ކަމަކަށް ވެއްޖެއެވެ. މަންމަ ސުވާލެއް ކޮށްލުމުން ދަރިފުޅު ބޮލަށް އުނދަގުވެއެވެ. ކަމަކު އެދުމުން، ދަރިފުޅު ވަރުބަލިވެ އެކަމެއް ނުކޮށްދެވެއެވެ. މަންމަގެ ލޮލުން ކަރުނަ ފެނުމުން، މަންމަ އަކީ ކަންތައް ބޮޑުކުރާ މީހަކަށް ވެއްޖެއެވެ.
ހަމަ އެއްވެސް ވަރަކަށް މިއަދު ދަރިފުޅަށް މަންމަ މުހިންމެއް ނުވިއެވެ. އެހެންނަމަވެސް މަންމަގެ ހިތް ދަރިފުޅަށް ހެވެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!