ލައިފްސްޓައިލް

"ލޯބިވާ މަންމާއެވެ. އަހަރެން ބާކީ ކޮށްލީ ކީއްވެ ހެއްޔެވެ؟"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

"ލޯބިވާ މަންމާއެވެ.

Ads by STELCO

އަހަރެން މިއަދު މިވާހަކަތައް މިކިޔައިދެނީ އެއްވެސް ޙާލެއްގައި މަންމަދެކެ ރުޅިއަކުން، ނުވަތަ ނަފްރަތު ކުރާތީއެއް ނޫނެވެ. މިއީ އަހަރެން ކުރާ ޝަކުވާތަކެއް ކަމަށް ސިފަވި ނަމަވެސް، ހަގީގަތުގައި މިއީ އަހަރެންގެ ހިތުގައިވާ އުދާސްތަކެވެ.

މަންމާއެވެ. އަހަރެން އުފެދުނީ ތިޔަ މަންމަގެ ބަނޑުންނެވެ. މިދުނިޔެއަށް އަހަރެން ގެނައުމަށް މަންމަ އުފުލި ވޭން، އަހަންނަށް ވިސްނެއެވެ. އަހަރެން ބޭނުންވާ ކަމެއް މަންމަގާތު ބުނަން ނޭނގޭ ތުއްތުއިރު ގައި ވެސް އަހަރެންގެ ކަންކަން ފުރިހަމަ ކޮށްދިނީ ހަމަ ތިޔަ މަންމައެވެ. މަންމަ އަހަރެންގެ އަންނައުނު ލައްވައިދީ، ދެވެން ހުރިހާ މީރުކާނާ ކާންދީ، ބަލިވުމުން ބޭސް ކޮށްދީ، ލިޔަންކިޔަން ދަސްކޮށްދީ، އަހަރެންގެ މުސްތަޤުބަލު އުޖާލާ ވާނޭ ފަދައިން ކަންކަން ކޮށްދީ ހެދިއެވެ.

މަޔަކު ދަރިންނަށް ކޮށްދޭ ޚިދުމަތްތަކަކީ ގުނާ އަދަދު ނުކުރެވޭނޭފަދަ އަގުހުރި ޚިދުމަތްތަކެއްކަން އަހަންނަށް ވިސްނެއެވެ.

ނަމަވެސް މަންމާއެވެ. އަހަރެންގެ ޝަކުވާއެއް އެބައޮތެވެ. އަހަރެންގެ އުމުރުން 10 އަހަރުގައި، ބައްޕަ މަންމަ ދޫކޮށްލާފައި ދިޔުމުގައި އަހަރެން ކުށްވެރި ކުރަނީ ކީއްވެ ހެއްޔެވެ؟ އެދުވަސްތަކުގައި މަންމަގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލަދޭން އަހަރެން ކައިރިވުމުން، އަހަރެން ދުރަށް ޖައްސާފައި އަހަންނަށް ރުޅި މޫނު ދެއްކީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ކުށަކީ އަހަރެންގެ ސިފަ ބައްޕައާ ވައްތަރުވުން ހެއްޔެވެ؟ ނަމަވެސް އެކަމުގައި ވެސް އަހަރެން ކުރާނީ ކީއްހެއްޔެވެ؟

މަންމާއެވެ. އޭގެ ދެއަހަރު ފަހުން މަންމަ އެހެން މީހަކާއި ކައިވެނި ކުރުމުން ހަގީގަތުގައި ވެސް އަހަރެން ވަރަށް އުފާވިއެވެ. އެއީ މަންމައަށް ލިބުނު އުފާވެރިކަމުގެ ސަބަބުންނެވެ. އެމީހަކީ އަހަރެންގެ ދޮން ބައްޕަ ކަމުގައިވިޔަސް، އޭނާގެ ފަރާތުން މަންމައަށް އުފާވެރިކަން ލިބޭތީ އަހަރެން ވެސް އެމީހަކީ އަހަންނާ ވެސް ގާތް މީހެއްގެ ގޮތުގައި ދުށީއެވެ.

ނަމަވެސް އޭނާ އަހަންނާ 'ގާތް' ވާން އުޅުނީ އެހެން ގޮތަކަށެވެ. މަންމާއެވެ. އަހަންނަކީ މަންމަގެ ދަރިއެކެވެ. އަހަރެންގެ ގައިގާ މީހަކު އަތްލާން ނުވާ ގޮތަކަށް އަތްލުމުން އަހަރެން ބުނާނީ މަންމަ ގާތު ނޫން ހެއްޔެވެ؟ ދޮންބައްޕަ އަހަންނަށް ދެމުންދިޔަ އަނިޔާތަކުގެ ވާހަކަ އެންމެ ފުރަތަމަ ވެސް އަހަރެން ބުނީ މަންމަ ގާތުގައެވެ. ނަމަވެސް މަންމަ އަހަރެން ދެއްކި ވާހަކަ ޤަބޫލެއް ނުކުރިއެވެ. އަދި އެމީހާއާ ދުރަކަށް ވެސް ނުދިޔައެވެ.

އަހަންނަށް ލިބެމުންދިޔަ އަނިޔާތަކަށް ކެތްކުރީމެވެ. އެހިތާމަތައް ކުޑަކޮށް ނަމަވެސް ފިލައިގެން ދިޔައީ އަހަންނަށް ކޮއްކޮއެއް ލިބުމުންނެވެ. ކޮއްކޮ ބެލުމުގައި އަހަރެން މަންމައަށް އެހީތެރިވާން ފެށުމުން، އެކުއްޖާ ދެކެ ވާންފެށި ލޯބި ދިޔައީ އިތުރުވަމުންނެވެ. އެތައް އަހަރެއްފަހުން އަނެއްކާވެސް އަހަންނަށް އުފާވެރިކަމުގެ އިޙުސާސް ކުރެވެން ފެށިއެވެ.

ނަމަވެސް އެއީ މަންމަ އެންމެ ބޭނުންވި ގޮތެއް ނޫން ކަންނޭނގެއެވެ. މަންމަ ވިސްނީ އަހަންނާއި ކޮއްކޮއާ ވެސް ދުރުކޮށްފައި ބަހައްޓާށެވެ. މަންމަ އަހަންނާއި އަބަދު ރުންކުރުކޮށް ވާހަކަ ދައްކާފައި ކޮއްކޮއާއި ލޯބިން ވާހަކަ ދެއްކިޔަސް އަހަރެން ޝަކުވާއެއް ނުކުރަމެވެ. އަބަދުމެ އަހަންނާއި ދިމާލަށް އެއްޗެހި ގޮވުމުން ދެރަވި ނަމަވެސް މޫނުމަތީގައި ޒުވާބެއް ނުކުރަމެވެ. އިންތިޒާރު ކުރަމުން ދިޔައީ އަހަންނަކީ ވެސް މަންމަގެ ދަރިއަކަށްވާތީ ކޮންމެވެސް ދުވަހަކުން އަނެއްކާވެސް އަހަރެންދެކެ މަންމަ ލޯބިވާން ފަށާނެ ދުވަހަކަށެވެ.

މަންމާއެވެ. އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ ދޮންބައްޕަ ދެމުންދިޔަ އަނިޔާ ވެސް އަހަރެން އެހެން މީހެއް ގާތު ނުބުނެ ހުރީމެއް ނޫން ހެއްޔެވެ؟ ނަމަވެސް އަހަރެންގެ ބައްޕަ އަހަންނާ ބައްދަލު ކުރަން އައުމުން، ބައްޕައާ ބައްދަލު ކުރުމުން އަހަރެންދެކެ މަންމަ ތިހާ ރުޅިއައީ ކީއްވެ ހެއްޔެވެ؟ އެރުޅީގައި މަންމަ އަހަރެން ގެއިން ވެސް ނެރެލައިފިއެވެ. އަހަރެންގެ އުމުރުން 15 އަހަރުވީއިރު، ބައްޕައާއެކު ދެން އުޅެން ދާށޭ ކިޔާފައި މަންމަ އަހަރެން އެއްލާލީ ކީއްވެ ހެއްޔެވެ؟

ހަގީގަތުގައި ވެސް މަންމަ އަހަރެން ބާކީ ކޮށްލައިފިއެވެ. މައިމީހާގެ ފައިތިލަ ދަށުގައި ސުވަރުގެވީ ނަމަވެސް، މިއަދު އަހަރެން މިހުރީ މަންމައާ ދުރުގައެވެ. އަހަންނަށް ކުރިން ލިބުނު އަނިޔާތައް މިހާރު ނުލިބުނު ކަމުގައިވިޔަސް، އަހަރެން މަންމަ މަތިން ވަރަށް ހަނދާންވެއެވެ. މަންމަދެކެ އަބަދުވެސް ލޯބިވަމެވެ."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!