ދީން

ރަސޫލާ (ޞޢޥ)ގެ ދެ އަސްޙާބު ބޭކަލެއްގެ ކަށްވަޅު ކޮނުމުން ފެނުނު އާދަޔާ ޚިލާފު މަންޒަރެއްގެ ވާހަކަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

1929 ވަނަ އަހަރު އިރާޤުގައި އެއިރު ހުންނެވި ރަސްގެފާނު ވިދާޅުވިއެވެ. "ތިމަން ރަސްގެފާނަށް ހުވަފެނެއް ފެނި ވަޑައިގެންނެވިއެވެ. އެހުވަފެންފުޅުން ފެނިވަޑައިގަތީ މާތް ރަސޫލާ (ޞޢޥ)ގެ ދެ އަސްޙާބު ބޭކަލެކެވެ."

Ads by MWSC

"އެދެ ބޭކަލުން ތިމަންރަސްގެފާނާ ދިމާލަށް އައެވެ. ތިމަން ރަސްގެފާނާ ގާތަށް ވަޑައިގެން އެ ދެ ބޭކަލުން ވިދާޅުވީ ތިގްރިސް ކޯރުގެ ފެން އެ ދެބޭކަލުންގެ ކަށްވަޅުގެ ތެރެއިން ދެމިގެން ދާ ކަމަށެވެ. އެހެންކަމުން އެދެބޭކަލުންނަށް އެހީތެރިވެ ދެއްވުމަށް ތިމަން ރަސްގެފާނު ކިބައިން އެދެބޭކަލުން އެދިވަޑައިގަތެވެ."

އެ ރަސްގެފާނަށް ހުވަފެނުން ފެނިވަޑައިގަތް އަސްޙާބު ބޭކަލުންގެ ކަށްވަޅާއި ތިގްރިސް ކޯރާ ދެމެދު ކޮނުނެވެ. އެމަނިކުފާނަށް ފެނިވަޑައިގަތް ހުވަފެނުގެ ހަގީގަތެއް ހޯއްދެއްވުމަށެވެ. ނަމަވެސް އެސަރަޙައްދުގެ ބިމު އަޑިން ފެނުގެ އެއްވެސް އަސަރެއް ނުފެނުނެވެ.

ރަސްގެފާނު ވިދާޅުވިއެވެ. "އެހެންވެ އެހުވަފެން މަތިން ހަނދާން ނައްތާލައިފީމެވެ."

ނަމަވެސް އޭގެ ފަހުން ކޮންމެ ރެއަކު ވެސް އެމަނިކުފާނަށް އެ ހުވަފެން ފެނިވަޑައިގަތެވެ. ކޮންމެ ރެއަކު އެ މަނިކުފާނުގެ ހުވަފެންފުޅުން އެ ދެ ބޭކަލުން ފެނިވަޑައިގަތެވެ. ރަސޫލާ (ޞޢޥ)ގެ ދެ އަސްޙާބު ބޭކަލެއް ގޮސް ވިދާޅުވެއެވެ. ތިމަންމެންގެ ކަށްވަޅުގައި ފެން ބޮޑުވަނީއެވެ. ތިމަންމެން ދެބޭކަލުންނަށް އެހީތެރިވާށެވެ. ތިމަންމެން ދެ ބޭކަލުން ސަލާމަތް ކުރައްވާށެވެ.

އެހެންކަމުން އެ ރަސްގެފާނު، އިރާޤުގެ ރައްޔިތުންގެ ކިބައިން މަޝްވަރާ ހޯއްދެވިއެވެ. ޚާއްސަކޮށް ދީނީ ޢިމުވެރިންގެ ފަރާތްޕުޅުންނެވެ. އެ އެންމެން އެއް ކުރައްވައި، އެ މަނިކުފާނު އަނެއްކާ ވެސް އެ ހުވަފެންތައް ކިޔައޮ ދެއްވިއެވެ. އެ މަނިކުފާނު ވިދާޅުވިއެވެ.

"އެބޭފުޅުންނަށް އެހުވަފެނުގެ ވާހަކަ ކިޔައި ދެއްވުމުން އެތަނުން ދީނީ ޢިލްމުވެރިއަކު ތެދުވެ ވިދާޅުވީ އެބޭކަލަށް ވެސް ހަމަ އެހުވަފެން ފެނިވަޑައިގެންނެވި ކަމަށް" ރަސްގެފާނު ކިޔައިދެއްވިއެވެ.

އެހެންކަމުން ހުރިހާ ބޭކަލުން ވެސް އެއްބަސްވެ ވަޑައިގެންނެވީ އެ ދެ އަސްޙާބު ބޭކަލުންގެ ކަށްވަޅު ކޮނުމަށެވެ. އެކަމަށް ތާރީޚެއް ވެސް ކަނޑައެޅުއްވިއެވެ. އެ ދެ އަސްޙާބު ބޭކަލުންގެ ކަށްވަޅު ކޮނުމަށް ފަހު، އެ ދެކަށްވަޅުގެ ތެރެއަށް ތިރްގިސް ކޯރުން ފެން އެޅެމުން ދާނަމަ، އެހެންތަނެއްގައި އެދެބޭކަލުންގެ ގަބުރު އަލުން ވަޅުލެއްވުމަށް ވެސް ކަނޑައެޅުނެވެ.

އެއީ އެއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ވެސް އަދާކުރުމަށް ކައިރިވަމުން އައި ދުވަސްވަރު ކަމުގައިވުމުން، މައްކާއާއި މަދީނާއަށް ދަތުރު ކުރުމަށް ތައްޔާރުވަމުން ދިޔަ ޙައްޖާޖީން ވެސް އެރަސްގެފާނު އަރިހުން އެދިލެއްވީ، އެދެއަސްޙާބު ބޭކަލުންގެ ކަށްވަޅު ކޮނުން ފަސް ކޮށްލެއްވުމަށެވެ. އެއީ ކަށްވަޅު ކޮންނައިރު، އެބޭކަލުން ވެސް އެތަނުގައި ތިއްބަވަން ބޭނުންވާތީ ކަމަށް ދެންނެވިއެވެ.

ކަށްވަޅު ކޮންނަން ކަނޑައެޅި ދުވަސް އައިސް ޖެހިއްޖެއެވެ. އެ ދެ އަސްޙާބު ބޭކަލުންގެ ކަށްވަޅު ކޮނުނެވެ. އެއީ އެ ދެބޭކަލުން އަވަހާރަވިތާ 13 ޤަރުނު ފަހުންނެވެ. ރަސްގެފާނު ވިދާޅުވިއެވެ.

"ތިމަންމެން އެ ދެ ބޭކަލުންގެ ހަށިކޮޅަށް ބެލީމެވެ. އެ ދެ ބޭކަލުންގެ ހަށިކޮޅަށް އެއްވެސް ގެއްލުމެއް އެއްވެސް ވޭނެއް ލިބިފައެއް ނުވެއެވެ. އެދެބޭކަލުންގެ ހަށިކޮޅު އޮތީ އެ ދެބޭކަލުން ވަޅުލެއްވެވި އިރުވެސް ހަމަ އޮތް ގޮތަށެވެ. ތިމަންމެން އެ ހަށިކޮޅުތައް ނެގީމެވެ. އަދި ސަލްމާން އަލް ފާރިސީގެ ހަށިކޮޅާ ކައިރީގައި އެ ދެބޭފުޅުންގެ ހަށިކޮޅު އަލުން ވަޅުލީމެވެ.

މިހުރިހާ މަންޒަރެއް އެއިރު އެތާހުރި މުސްލިމު ނޫން މީހަކަށް ފެނުނެވެ. އެއީ ލޮލުގެ ޑޮކްޓަރެކެވެ. އެމަންޒަރުތައް ފެނުމަށް ފަހު އޭނާ ބުނީ އެ ދެ އަސްހާބު ބޭކަލުންގެ ދެ ލޯފުޅަށް ބެއްލެވި ކަމަށެވެ. އަދި އިންސާނެއްގެ ދެ ލޮލުގައި އުފެދިފައި ހުންނަ ނޫރު (މަރުވުމުން ފުހެވިގެންދާ ނޫރު) އަދިވެސް އެ ދެ އަސްޙާބު ބޭކަލުންގެ ދެ ލޯފުޅުގައި ހިމެނޭ ކަމަށެވެ. އަދި އެ ދެ ބޭކަލުންގެ ތުންފުޅު މައްޗަށް އޮހޮރެމުން ދަނީ އެ ނޫރުފުޅު ކަމަށް ވެސް އެޑޮކްޓަރު ވިދާޅުވިއެވެ. އެމަންޒަރު ފެނުމަށް ފަހު އެ ޑޮކްޓަރު ވެސް އިސްލާމު ވެވަޑައިގަތެވެ."

އެތަނުގައި ތިބި މުސްލިމު ނޫން ބައިވަރު މީސްތަކުން ވެސް އެވަގުތު އިސްލާމްވެ ވަޑައިގެންނެވިއެވެ.

** މިހާދިސާގެ ވާހަކަ "ޖައްނި ދީދާތު" ގެ ޞަފްޙާ ނަންބަރު 55-58 އަށް ފެނި ވަޑައިގަންނަވާނެއެވެ. އަދި އެންސައިކްލޮޕީޑީއާގައި "ޢަބްދުﷲ ބިން ޖާބިރް" ޓައިޕް ކުރުމުން ވެސް މިއާޓިކަލް ފެނި ވަޑައިގަންނަވާނެއެވެ.**

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!