ނިދުމުގެ ކުރިން މިކަންކަމާ މެދު ނިކަން ވިސްނާލާށެވެ.
ތިމާގެ ބިޒީ ދުވަސް ނިންމާލުމަށް ފަހު ގިނަ ބަޔަކު އަބަދު ވެސް ވިސްނާ ކަމަކީ ނިދުމެވެ. އަރާމު ކޮށްލުމެވެ. ވެފައިވާ ވަރުބަލިކަން ފިލުވާލުމަށް ޓަކައި “ނެޕް” އެއް ނަގާލުމެވެ. އެހެން ނަމަވެސް އެއީ ތިމާގެ އެންމެ ފަހު ނިދާލުމަށް ވެދާނޭ ކަން ވިސްނުމުގައި ބަހައްޓައިގެގެން ނިދަނީ ކިތައް މީހުން ހެއްޔެވެ؟
ދިރިއުޅުމުގައި “ބިޒީ” ވެދާނެއެވެ. ނަމަވެސް ނަމާދު ކުރަން ހަނދާން ނެތޭ ކިތައް މީހުން މިއަދު މުޖުތަމައުގައި ގިނަ ވެއްޖެ ހެއްޔެވެ؟ އެއްވެސް ޖެހިލުމަކާ ނުލާ ނަމާދު ވަގުތުތައް އަޅާ ކިތައް މީހުން އުޅޭ ހެއްޔެވެ؟ ޚުދު އަމިއްލަ ނަފުސާ ސުވާލު ކޮށްލަބާށެވެ.
ވަގުތަކީ ތިމާ ހޯދީމަ ލިބޭނެ އެއްޗެކެވެ. އޮފީހުގައި ހުރެ، މެންދުރު ލިބޭ “ބްރޭކް” ގަޑީގައި ވެސް ނަމާދުގެ މައްޗަށް އިސްކުރެވެނީ ތިމާ ބަނޑުފުރާ މުއްތި ކުރުމަށް ކޮންމެވެސް ތަނަކަށް “ލަންޗް” އަށް އަރާލުމަށެވެ. ނަމާދު ކޮށްލަން ހޭދަވާ އެންމެ 5 މިނެޓު ކޮންމެ މީހަކަށް ވެސް ގިނަ ވާއިރު، ކޮފީތަކާއި، ކެއުމުގައި ތިމާ ހޭދަކުރާ ގަޑިއިރުތައް ތިމާއަށް މާ މުހިންމު ވީ ނޫން ހެއްޔެވެ؟
އޭ ނިކަމެތި އިންސާނާއެވެ. މުޅި ދުވަސް ތިޔަހެން ދުއްވާލުމަށް ފަހު ނިދަން އަރާ ހަމަޖެހިލައިގެން ތިޔަ ނިދަނީ ހިތުގައި ބިރުގެ ކަންފުޅެއް ވެސް ނެތީ ހެއްޔެވެ؟ ދުވަސް ދިޔަ ގޮތް ހިސާބު ކޮށްލަން ވިސްނާ ނުލެވޭ ހެއްޔެވެ؟ ބުނެ އުޅެއެވެ. ނިދަން އަރާ ވަގުތަކީ ދިރިއުޅުމުގެ ކަންކަމާ މެދު އެންމެ ބޮޑަށް ވިސްނޭ ވަގުތެވެ. ނަމަވެސް ދިރިއުޅުމުގެ ވެސް މިކަން ފިޔަވާ އެހެން ހުރިހާ ކަމަކާ ވިސްނައެވެ. ތިމާ ނަމާދާ ދުރު ވެވިއްޖެކަން ހިތަށް ނާރަނީއެވެ. ނޫނީ ހިތަށް އަރުވަން ބޭނުން ނުވަނީ ހެއްޔެވެ؟
މަހުޝަރު ދުވަހުން ތިބާގެ ހިސާބު ބެއްލެވޭ ހިނދު ދައްކާނީ ކޮން އުޒުރެއް ހެއްޔެވެ؟ ބިޒީ ވުމުން ނުކޮށް ދޫކޮށްލެވުނީ އޭ ބުނެ ސަލާމަތް ވެވޭނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ފަހެ ހަމަ ހިލާ އެހެނަކުން ނުވާނެއެވެ. އެދުވަހަކީ ހުރިހާ ކަމެއް ވެސް އެންމެ އިންސާފުން ކުރިއަށް ގެންދެވޭނެ ދުވަހެވެ. މިކަމާމެދު ތިމާ ވިސްނާ ފިކުރު ކޮށްލާށެވެ.