އެމެރިކާގައި ކޮވިޑަށް ވެކްސިން ޖެހުން މަޖުބޫރެއް ނުވާނެ- ބައިޑަން
މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމުގެ ގޮތުން ޖަހާ ވެކްސިން އެމެރިކާއިން ލިބެން ފެށުމުން ވެސް، ވެކްސިން ޖެހުން އެޤައުމުގެ ރައްޔިތުންނަށް މަޖުބޫރެއް ނުވާނެ ކަމަށް އިންތިހާބީ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ސެންޓަރ ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބުނެފައި ވަނީ އެމެރިކާގައި މިހާރު މިބަލި ފެތުރެމުން އަންނަ މިންވަރު އަނެއްކާ ވެސް މަތިވެފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އެކަނި ވެސް އެޤައުމުގައި ކޮވިޑް-19 ޖެހިފައި ތިބި 2،500 މީހުން މަރުވެފައިވާއިރު، އަލަން މިބައްޔަށް ފައްސިވީ މީހުންގެ އަދަދު 225،000 އަށް އަރާފައިވާ ކަމަށެވެ. ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާތީ ސީޑީސީން ވަނީ ހުރިހާ ރައްޔިތުން ވެސް، ގޭގައި ތިބޭ ވަގުތު ތަކުގައި ނޫނީ، އަބަދުވެސް މާސްކު އަޅައިގެން އުޅުމަށް ސަމާލުވުމަށް އެދިފައެވެ.
ނަމަވެސް އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ވެރިކަމާއި ހަވާލުވެ، ހުވާ ކުރުމަށް ހަމަޖެހިފައިވާ ބަައިޑަން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ރައްޔިތުންނަށް ކޮވިޑް ވެކްސިން ޖަހަން މަޖުބޫރު ނުކުރައްވާނެ ކަމަށެވެ.
އެހެން ނަމަވެސް ބައިޑަން ވިދާޅުވެފައިވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވުމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ގިނަ މީހުން ބައިވެރި ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެދުވަހު ކުޑަ ސްޓޭޖެއް ހަދާފައި އެރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބައިޑަން ވިދާޅުވެފައިވެއެވެ.