މިނިވަންކަން ކޮންޕްރޮމައިޒް ނުކޮށް, ހުރިހާ ގައުމަކާއެކު މި ސަރުކާރުން ގުޅުން ބަދަހި ކުރާނެ: އަޒާން

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މިނިވަންކަމަށް ބުރޫއަރާފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި, އެ ރަތް ރޮނގު ހުރަސްނުކޮށް, ހުރިހާ ގައުމަކާއެކު ގާތް ގުޅުމެއް ބަދަހި ކުރައްވާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ވިދާޅުވެއްޖެވެ.
މިދިޔަ ސަރުކާރުން އިންޑިއާއާއެކު ބާއްވަމުން ދިޔަ ގުޅުމަށް, އިދިކޮޅުގައި ތިބިއިރު, މި ސަރުކާރުގެ ވެރިން ގެންދިޔައީ ފާޑު ވިދާޅުވަމުންނެވެ. އަދި އިންޑިއާގެ މިލިޓަރީ ބޭރު ކުރުން "އިންޑިއާ އައުޓް"ގެ ނަމުގައި ބޮޑު ކެންޕެއިނެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ސަރުކާރުގެ ކުރީކޮޅު އިންޑިއާއާއެކު ގުޅުން ގޯސްވިޔަސް, އިންޑިއާއާއެކު ގުޅުން ރަނގަޅު ކުރަން މި ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން އިންޑިއާގެ އެކްޓާނަލް މިނިސްޓަރު ޖައި ޝަންކަރ މިއަދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެއެވެ. މިއާއެކު މިހާރު އިދިކޮޅުގައި އޮތް ފަރާތްތަކުން ސަރުކާރަށް ދަނީ ފާޑު ކިޔަމުންނެވެ.
މިފާޑު ކިޔުންތަކާ ގުޅިގެން އަޒާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, އިންޑިއާއެކު މި ސަރުކާރުން ގެންގުޅެމުން އަންނަނީ ތަފާތު ސްޓޭންޑެއް ކަމަށެވެ.
"އެމްޑީޕީއިން ބުނީ އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް. އަދި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ދިވެހިން ބަނޑަށް ޖެހިދާނެ ކަމަށް ބުނި. އޭރާ މިހާރުގެ ތަފާތަކީ މިއީ." އަޒާން ވިދާޅުވިއެވެ.
އަޒާން އަކީ އިންޑިއާގެ މިލިޓަރީ ބޭރުކުރަން ކުރި ކެންޕެއިންގައި މިދިޔަ ސަރުކާރުގައި ނޫސްވެރިއެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
އަޒާން މިހެން ވިދާޅުވެފައިވާއިރު, ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ވެސް ރައީސް ޑރ. މުޢިއްޒު ވަނީ މިނިވަންކަމަށް ބުރޫއަރާފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓަރީ ފޮނުވާލާ, އިންޑިއާޣެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ސިވިލް މީހުން ވަނީ ގެނެސްފައެވެ.






ކޮމެންޓް