ރިޕޯޓް

ސިހުރު: ޖިންނި އަވަލަން މަގުފަހިވާ ވަރަށް ބޮޑު ސަބަބެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޖިންނިންނަކީ އިންސާނުންނަށް ވުރެ ކިތަންމެ ބާރުގަދަ ބައެއް ކަމުގައި ވީނަމަވެސް، އިންސާނުންގެ ދުއްތުރާއެއް އެމީހުންނަށް ނުފޯރާހިނދަކު، އެބައިމީހުން ވެސް، އެބަހީ ޖިންނީން ވެސް އިންސާނުންނަށް ގޯނާއެއް ނުކުރެއެވެ.

Ads by STELCO

ﷲ ތަޢާލާ އިންސާނުންނަށް ދިރިއުޅެން ދެއްވާފައި ވަނީ ބިމެވެ. އަދި ޖިންނީންނަށް ޖައްވެވެ. އެހެން ނަމަވެސް ޖިންނީންގެ ތެރެއިން ﷲ ތަޢާލާއަށް ކާފަރުވީ ޝައިޠާނުން ބިމަށް ފައިބާ އުޅެތެވެ. އެބައިމީހުންގެ ގެދޮރު ގަސްގަހުގައާއި، ފަޅުވެ މީހުން ނޫޅޭ ތަންތަނުގައި ބިނާކޮށް، ނިކަމެތި އިންސާނާއަށް އެނގުމެއްނެތި ކުރެވޭ ކަމަކުން ނުވަތަ އެއަށް ދެވޭ އަނިޔާއަކުން ނޭނގިހުރެ ޝައިޠާނާއަށް ދުއްތުރާއެއް ކުރެވެއެވެ. ބައެއްފަހަރު އަހަރުމެން އެއްލާ އެއްޗަކުން ޝައިޠާނެއްގައިގާ ޖެހުމާއި ގަހަކަށް އަރައި އުޅޭއިރު އެއިން ޝައިޠާނެއްގެ ގަޔަށް ފައިން އެރުން ފަދަ ކަންތައް ދިމާވެދާނެއެވެ. ބައެއް ފަހަރަށް ހާމަތަނަކަށް ކުޑަކަމުދާއިރު އެއިން ޝައިޠާނެއްގެ ގަޔަށް ކުޑަކަމުދެވިގެން އޭގެ ބަދަލު ހިފާފައި އެބަހުއްޓެވެ. ކޮންމެއަކަސް މިހުރިހައި ކަމަކުން ސަލާމަތްވުމަށް ދީނުގައި ގޮތްތަކެއް ކަނޑައަޅުއްވާފައި އެބަހުއްޓެވެ.

ޖިންނި އަވަލުމަށް މަގުފަހިވާ އަނެއްގޮތަކީ ސިހުރު ޖެހުމެވެ. ނުވަތަ މީހަކު ސިހުރު ހެދުމެވެ. މިއީ އެންމެ ނުރައްކާތެރި އަދި ފަސޭހަކުރަން އުނދަގޫ ވައްތަރެވެ. އެންމެ ބިރުވެރި ގޮތެވެ. ސަބަބަކީ އެ ސިހުރު ކިތަންމެ ވަރަކަށް ބާތިލް ކުރި ކަމުގައި ވީނަމަވެސް ސިހުރު ހަދާމީހާ އެ ސިހުރު ހަދަހަދައި ހުންނަހައި ހިނދަކު، ނުވަތަ ސިހުރުވެރިޔާ އެސިހުރު ހެދުން ހުއްޓާ ނުލާހައި ހިނދަކު އެކަން ރަނގަޅު ކުރުމަށް އުނދަގޫ ވެއެވެ.

ސިހުރުގެ ބާރުގެ ސަބަބުން ކާފަރު ޖިންނި ޝައިޠާނުން އިންސާނުންނަށް އެއްވެސް ސަބަބެއް ނެތި އުނދަގޫކޮށް އިންސާނުންނާ އަޅައިގަނެއެވެ. އަދި ބޮޑެތި އަނިޔާތަކާއި، މުޞީބާތްތައް ޖައްސައި، އިންސާނުންގެ ފުރާނަވެސް ދުއްވާލާފައިވާ ފަހަރު ވެސް މަދެއް ނޫނެވެ. ސިހުރުގެ ބާރުގެ ސަބަބުން ޝައިޠާނާއަށް އިންސާނާއަށް އަނިޔާކޮށް ގޯނާ ކުރުމަށް މަޖުބޫރުވެއެވެ. އެމަޖުބޫރުކަމަކީ ސިހުރުގެ ބާރުގެ ސަބަބުން ވާކަމެކެވެ. މިގޮތަށް ޖިންނި ޝައިޠާނުން އިންސާނާއަށް ދުއްތުރާ ކުރުމުގައި، އެސިހުރު ބާތިލް ވަންދެން، ނުވަތަ ބާތިލް ކުރަންދެން، ނުވަތަ އެބައިމީހުންގެ ފުރާނަ ދަންދެން ދެމިތިބެއެވެ.

ޖިންނި ޝައިޠާނުންގެ އަނިޔާވެރިކަން ބޮޑުވަނީ އެސިހުރެއް ހަދާ ކުޑަބޮޑު މިނަށެވެ. ނުވަތަ ސިހުރުގެ ބާވަތަށެވެ. ސިހުރު ހަދާ ބައެއް ގޮތްތަކުގެ ތެރޭގައި އާއިލާއަކަށް ނުވަތަ ވަކިބަޔަކަށް ހަދައި އުޅެތެވެ. އަދި ސީދާ ވަކި މީހަކަށް އަމާޒުކޮށްގެން ވެސް ސިހުރު ހަދާފައި އެބަހުއްޓެވެ. ކައްކާތެލީގެ ފުލަށް ސިހުރު ހެދުން، ގޭގެ އޮޅިގަނޑު ދަށުގައި ސިހުރު ވަޅުލުން، ފެންވަރާ ވަޅަށް ސިހުރު ފެއްތުން ކަހަަލަ ކަންތައްތަކަކީ ގިނަބަޔެއްގެ ނުވަތަ އާއިލާއެއްގެ ދުވަސް ދުއްވާލުމުގެ ގޮތުން ހަދާ އުޅޭ ސިހުރުގެ ބައެއް ވައްތަރުތަކެވެ.

ވަކި މީހަކަށް އަމާޒުކޮށް ހަދާ ސިހުރުގައި، ސިހުރު ހަދާފައި ހުންނަތަކެތި ކާންދިނުމާއި، ދެމަފިރިންގެ ދޭތެރެ ނުވަތަ ރައްޓެހިވެގެން އުޅޭ ދެމީހުންގެ ދޭތެރެ ދުރުކުރުމަށް ބޮނޑުފަދަ ދިރޭ ތަކެއްޗަށް ސިހުރުހަދައެވެ. އެފަދަ އެއްޗެއް ގަޔަށް އަރައިފިނަމަ އެ މީހަކަށް އެސިހުރެއް ޖެހެއެވެ. އަދި ހަދާ ސިހުރުގައި ސިހުރު ހަދަން ބޭނުންވާ މީހާގެ ސީދާ ނަން ޖަހައިގެން ވެސް އާންމުކޮށް ސިހުރުހަދައިފައި ހުރެއެވެ. މިނޫނަސް ތަފާތު އެތައް ގޮތަކަށް އަނިޔާވެރި ސިހުރުވެރިން ސިހުރު ހަދާފައި އެބަ ހުއްޓެވެ. ދެދުނިޔޭގައި ވެސް އެފަދަ މީހުންނަށް ހަލާކު ހުއްޓެވެ.

ސިހުރު ޖެހުމުގެ ކުރީގައި ނުވަތަ މިނޫން ވެސް ގޮތަކުން ޖިންނި މޮޔަވުމުގެ ކުރީގައި ބައެއްފަހަރަށް އެމީހަކަށް ސިހުރުގެ އަލާމަތްތައް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އާންމުގޮތެއްގައި ތަކުރާރުކޮށް ބިރުވެރި ހުވަފެން ފެނުމާއި، ހުވަފެނުގައި ކަޅުބުޅަލާއި، ކަޅުމީހުން(ހިޔަނި) ތަކުރާރުކޮށް އެތައްރެއަކު ފެނުމާއި، އެއް ހުވަފެނެއް ތަކުރާރުކޮށް ފެނުމާއި، ކަޅުމީހަކު އެމީހަކު މަރާލަން އުޅޭތަން ނުވަތަ އަނިޔާކުރަން އުޅޭތަން ތަކުރާރުކޮށް ހުވަފެނުން ފެނުން ހިމެނެއެވެ.

އަދި މީގެ އިތުރުން އާދަޔާ ޚިލާފަށް ގިނައިން އުޑުމަތިން އަލިގަނޑުގަނޑު ފެނުމާއި، އެހެން މީހުންނަށް ނުފެންނަ ތަކެތި ފެނުމާއި، އެއްވެސް ސަބަބެއް ނެތި ޖިންސީ އެދުންވެރިކަން ފުދުމާއި، ނިދާ ހޭލާއިރު ޖިންސީ އެދުންވެރިކަން ފުދިފައި ހުރުމާއި، އާދަޔާ ޚިލާފަށް ދެނަމާދު ދޭތެރޭގައި ފެންވަރާ ހިތްވުމާއި، އާދަޔާ ޚިލާފަށް އަނދިރީގައި އެކަނި އިންނަ ހިތްވުމާއި، ރޭނގަނޑު ގަސްގަސް ދޮށުގައި އިންނަ ހިތްވުން ފަދަ ކަމަކީ ސިހުރު ނުވަތަ ޖިންނި މޮޔަވުމުގެ ބައެއް އަލާމަތްތަކެވެ.

އެހެން ނަމަވެސް މިފަދަ ކަމެއް ދިމާވެފައި ހުރި ކޮންމެ މީހަކީ ސިހުރު ޖެހިފައިވާ މީހަކަށް ނުވަތަ ޖިންނި މޮޔަވެފައިވާ މީހަކަށް ނުވެ ހިނގައިދާނެއެވެ. އަދި މިފަދަ ކަމެއް ދިމާވާ ނަމަވެސް އެއީ ސިހުރުގެ އަލާމާތަކަށް ނުވެ ހިނގައިދާނެއެވެ. އެހެނީ މީހަކު ބިރު ގަނެފިނަމަ، އެވަގުތު އެމީހާއަށް ފެންނަ ކޮންމެ އެއްޗެއްވެސް އެމީހަކަށް ސިފަ ވާނީ ބިރުވެރި އެއްޗެއްގެ ސިފައިގައެވެ. ހިތުގައި ޝައްކާއި ވަހުމް އުފެއްދުމަކީ ވެސް ޝައިޠާނާގެ ޢަމަލެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!