ރައްޔިތުންނަށް ދަތިވާ ކަންކަމަށް ސަރުކާރުން ހައްލު ހޯދައިދޭން މަސައްކަތް ކުރާނެ: ނައިބު ރައީސް
މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ދަތިތަކަށް ހައްލު ހޯދައިދިނުން ކަމަށާއި، އެ މަސައްކަތްތަކުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ބައެއް ރަށްރަށާއި، ފުވައްމުލައް ސިޓީއަށް މިއަދު ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ސިޓީގެ ހިތަދުއަށް ވަޑައިގަންނަވާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް އަދި މުޅި ސަރުކާރު ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް އަމާޒަކީ ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކުގައި ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ދާއިރާ ތަރައްޤީ ކުރެއްވުން ކަމުގައެވެ. އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިމަތިވެފައިވާ ބައެއް ދަތިތައް ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެ ކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.
މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ކަންކޮޅަކުން ވެސް ފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސް.ޓީ.އޯ) މެދުވެރިކޮށް މިހާރު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި، ޞިއްޙީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އެ ތަނުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ޤާއިމުކުރުމުގެ މުހިންމުކަން ވެސް ފާހަގަ ކުރައްވާފައެވެ. އަދި، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ކުރީ ސަފުގައި ޞިއްޙީ ޚިދުމަތްތެރިން އަދާ ކުރައްވަމުން ގެންދަވާ ދައުރު ފާހަގަ ކުރައްވާ ނައިބު ރައީސް ފައިސަލް ނަސީމު ވަނީ އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސްވެރިން ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި އިންސާނީ ވަޞީލަތްތައް ހޯދުމުގެ އިތުރުން ދުރު ރާސްތާގައި މި ސަރަޙައްދުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ފޯރު ކޮށްދިނުމަށްޓަކައި ޖާގައިގެ ގޮތުން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތައް ފާހަގަ ކުރައްވައި، އެ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތައް ވަނީ ނައިބު ރައީސާ ހިއްސާ ކުރައްވާފައެވެ.