ޚަބަރު

މަނީ ލޯންޑަރިންގެ މައްސަލައިގައި"ސަން"އާ ދެކޮޅަށް 60 ހެކި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރ. ފުއްގިރި މައްސަލައިގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގައި 60 ހެކި ހުށަހެޅި ނަމަވެސް، އެދައުވާއަށް އެފަރާތުން އިންކާރު ކޮށްފިއެވެ.

Ads by STELCO

މިއަދު ކުރިއަށްދިޔަ މިމައްސަލައިގެ އަޑުއެހުމުގައި އެކުންފުންޏަށް ވަނީ ދައުވާތަކަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވާފައެވެ.

އެގޮތުން ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ވަކީލު އެފުރުސަތުގައި ވިދާޅުވެފައި ވަނީ ދައުލަތުން ކޮށްފައިވާ އެދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

ވަކީލު ވިދާޅުވީ މިމައްސަލައިގައި އިތުރު ތިން ފަރާތެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށާއި މިމައްސަލައިގައި ދައުވާ ކޮށްފައިވާ އަހުމަދު ކްރިކް ރިޟާ ގެނައި ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި މަނީ ލޯންޑްރިންގެ އަމަލެއް ހިނގާނަމަ ބޭންކްތަކުން ނެރޭ އެސްޓީއާރް ވެސް މި މައްސަލައިގައި ނެތްކަން ސަން ކޮންސްޓްރަކްޝަން ގެ ވަކީލު ވަނީ ފާހަގަ ކުރައްވާފައެވެ.

ސަން ކޮންސްޓްރަކްޝަން ކުންފުންޏާ ދެކޮޅަށް ދައުލަތުން ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމުން ޕީޖީން ވަނީ ސަން ކޮންސްޓްރަކްޝަން ކުންފުންޏާ ދެކޮޅަށް ހުށަހަޅާ 60 އަށްވުރެން ގިނަ ހެކި ހާމަ ކޮށްފައެވެ. ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި 15 މީހެއްގެ ހެކި ބަހާއި 50 ކިތާބީ ހެކި ހިމެނެއެވެ. ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހެޅި ފަރާތްތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތަށް އިއުތިރާފްވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހިމެނެއެވެ.

މިމައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލައްވަމުން އިސްގާޒީ ވިދާޅުވީ ދެން އަޑުއެހުމެއް ބާއްވާނީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އަދި އެދުވަހު ދިފާއުން ހުށަހަޅާ ހެކި ހާމަކުރުން އޮންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!