ދުނިޔެ

އާޖެންޓީނާ ގައި ބަހެއްގެ ދަށުވެ ކުރީގެ "މިސް ވޯލްޑް" ނޯމާ މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރީތީގެ ރާނީ ނުވަތަ "މިސް ވޯލްޑް" ކަމުގެ ޝަރަފުވެރި ތާޖު އެޅި މޮޑެލް ނޯމާ ކެޕަގްލީ، އާޖެންޓީނާގައި ބަހެއްގެ ދަށުވެ މަރުވެއްޖެއެވެ.

Ads by Sosun Fihaara

އާޖެންޓީނާ އަށް އުފަން ނޯމާ މިސް ވޯލްޑް އަށް ހޮވިފައިވަނީ 1960 ވަނަ އަހަރުގައެވެ. އެއިރު އޭނާގެ އުމުރަކީ އެންމެ 21 އަހަރެވެ. އެރިކް މޯލޭ ހޯސްޓު ކުރި އެ ހަފްލާ ބާއްވާފައި ވަނީ ލަންޑަން ގައެވެ.

އުމުރުން 81 އަހަރުގެ ނޯމާ، ބަހެއްގެ ދަށުވެފައި ވަނީ އާޖެންޓީނާގެ ކެޕިޓަލް ބުއޭނޯސް އެއާރެސް ގެ ރިކޮލެޓާ އަވަށުގައި، މިމަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ރިޕޯޓު ތަކުން ބުނެއެވެ. އެކްސިޑެންޓު ވުމާއެކު އޭނާ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފެށި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވަނީ، އެކްސިޑެންޓުގެ ސަބަބުން ނޯމާ ވަނީ ކޯމާ އަކަށް ގޮސްފައި ކަމަށެވެ. އަދި އެހާލުގައި އޮއްވާ މިއަދުގެ ވަގުތެއްގައި އޭނާ ވަނީ މަރުވެފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ނޯމާ މަރުވީ އޭނަ ދަށުވި ބަސް ދުއްވަން އިން ޑްރައިވަރުގެ ފަރުވާ ކުޑަ ކަމުންކަމަށް ނޯމާއަށް ބޮޑު ދައިތަ ކިޔާ ކުއްޖަކު މީޑީއާތަކަށް މައުލޫމާތު ދީފައިވެއެވެ.

"ކޮވިޑް-19 ފަދަ ނުރައްކާތެރި ބައްޔަކުން ބޮޑު ދައިތަ ސަލާމަތްވި. އެކަމަކު މިހާރު ބޮޑު ދައިތަ އެވަނީ އަހަރުމެންނާއި ވެކިވެފަ. މިއީ ހަމަ އެޑްރައިވަރުގެ ފަރުވާ ކުޑަ ކަމުން ވީކަމެއް" ނޯމާ އަށް ބޮޑުދައިތަ ކިޔާ ކުއްޖާ ބުނެފައިވެއެވެ.

ނޯމާއަކީ އާޖެންޓީނާ އަށް "މިސް ވޯލްޑް" ކަމުގެ ތާޖު އެންމެ ފުރަތަމަ ހޯދައިދިން މޮޑެލްއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!