ވީއައިއޭގައި ކޮވިޑް-19 ލެބެއް ހުޅުވައި، ޓެސްޓު ހެދޭ އަގު ހެޔޮކޮށްފި

އޭޑީކޭ އާއި ލަކްސް ރިސޯޓްސް އަދި ޓީއެމްއޭ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހާއްސަ ލެބޯޓަރީއެއް ހުޅުވައިފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ލެބު ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ.
އޭޑީކޭ އިން ބުނި ގޮތުގައި މި ލެބުގައި ޓެސްޓު ހަދާނީ ޖަރުމަނުގެ އުފެއްދުމެއް ކަމަށް ވާ ރޯޗް މަރުކާގެ އެންމެ މަތީ ފެންވަރުގެ ފުލީ އޮޓޮމޭޓެޑް މެޝިނަކުންނެވެ.
މި ލެބޯޓަރީއާއެކު އޭޑީކޭ އިން ކޮވިޑް-19 ޓެސްޓުކޮށްދޭ އަގު ވަނީ ހެޔޮ ކޮށްފައެވެ. އެގޮތުން ޕީސީއާރު ޓެސްޓު ހެދުމަށް ދިވެހިންނަށް ކުރިން ނަގާ 1،200ރ ގެ ބަދަލުގައި 1،000ރ އަދި ޓޫރިސްޓަކަށް ނަގަމުން އައި 80 ޑޮލަލަރުގެ ބަދަލުގައި ދެން ނަގާނީ 70 ޑޮލަރެވެ.
މި ލެބު ހުޅުވުމާއެކު ފަތުރުވެރިންނަށް ކޮވިޑް ޓެސްޓު ކުރުމަށް ގިނަ ލުއި ފަސޭހަތަކެއް ލިބިގެން ދާނެއެވެ. އެގޮތުން އެއާޕޯޓުގައި ގާއިމްކޮށްފައިވާ ލެބުން ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުމުގެ އިތުރުން ރިސޯޓުތަކުންނާއި ރަށްރަށުން ގެންނަ ސާމްޕަލް ވެސް އެއާޕޯޓްގެ ލެބޯޓަރީން ބަލައިގަންނާނެއެވެ.
އަދި މި ލެބު ހުޅުވިގެން ދިއުމާއެކު އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 2،000 ޕީސީއާރު ޓެސްޓް ހެދޭނެ ކަމަށް ވެސް އޭޑީކޭއިން ބުނެއެވެ.