Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަގާމުތަކަށް މީހުން އައްޔަން ކުރަނީ ވައްކަން ކުރާކަށް ނޫން: ރައީސް

މަގާމުތަކަށް މީހުން އައްޔަން ކުރަނީ ވައްކަން ކުރާކަށް ނޫން: ރައީސް
ސަރުކާރުގެ އިސް މަގާމުތަކަށް މީހުން އައްޔަން ކޮށްފައި ތިބެނީ ވައްކަންކޮށް، ކޮރަޕްޝަންގެ އަމަލުތައް ހިންގަން ނޫން ކަމަށް ވިދާޅުވެ ކުންފުނިތަކުގެ ވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ އިންޒާރެއް މިއަދު ދެއްވައިފި އެވެ. "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލޭން ގޯތިތަކާއި، ވިނަރެސް ފްލެޓްތަކެއް ދިން މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަދި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ފުލުހުން ބަލަމުންދަނީ ޑޮކިއުމެންޓް ފޯޖް ކުރި މައްސަލަ އެކެވެ. އެ މައްސަލައާ ގުޅިގެން ސަންގު ޓީވީގައި ރައީސް ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަން ހިންގުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގެ ޒިންމާތައް ހަވާލު ކުރަނީ، ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރަން ކަމަށެވެ.
"އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ވެސް ނޫން. ގަވާއިދާ ހިލާފަ ކަންކަން ކުރާކަށެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ، "އަޅުގަނޑެއް ކޮރަޕްޝަންގެ އަމަލެއް ނޫނިއްޔާ، ގަވާއިދާ ހިލާފަ ހިންގަމުންދާ އަމަލެއް ހުއްޓުވުމަކަށް ފަހަތަކަށް ނުޖެހޭނަން،" ކަމަށެވެ. އަދި އެފަދަ އަމަލުތައް ހިންގަމުންދާނަމަ، މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ރައީސް ދެއްވި އެވެ. ރައީސް ވިދާޅުވީ، ސަރުކާރަކީ ކޮރަޕްޝަނާއި ފަސާދައާއި ނުގަވާއިދުން ހިންގާ ކަންކަމާ ދުރުވެފައި އޮންނަ ސަރުކާރަކަށް ވުމަށް ކަމަށެވެ. އެހެންވެ، އެޗްޑީސީ ގޯތި ވައްކަމުގެ މައްސަލަ ވެސް އެނގުން ހިސާބުން ޕޮލިހަށް ރިޕޯޓް ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެ މައްސަލާގައި އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑު މެންބަރުން ސަސްޕެންޑްކޮށް, އެމްޑަބްލިޔުއެސްސީން ފަޒީލް ސަސްޕެންޑްކުރި އެވެ. ސަސްޕެންޑް ކޮށްފައިވަނިކޮށް ރޭގެ ވަގުތެެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަދި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭހެން ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ 9 މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭގެ އިތުރުން، ގޯތީގެ ވައްކަމުގެ މައްސަލަ ތަހުގީގުކުރާ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ވެރިޔާ ސުޕްރިންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވެސް ވަނީ ވަގުތީ ގޮތުން މަސައްކަތުން އެކަހެރި ކޮށްފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް